ކ. މާފުށީގައި އައު ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި އެ ރަށު ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކައި މިދިޔަ އަންގާރަ ދުވަހު މާފުށީގައި ބޭއްވުނު ޙާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރާ ގޮތުގައި މާފުށީގައި އައު ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އައު ނަރުދަމާ ނިޒާމެއް ޤާއިމުކުރުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
12 ފެބުރުވަރީ 2026 ގައި މި މަޝްރޫޢު އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 57,402,888.14 ރުފިޔާއަށް 571 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ އެ ރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އައުޓް ފޯލް އެޅުމާއި އަދި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 02 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ 02 ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން ކަމަށެވެ.
571 ދުވަހުގެ ތެރޭގައި ނިންމުމަށް 12 ފެބުރުވަރީ 2026ގައި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 128،605،793.86 ރުފިޔާގެ މަޝްރޫޢެކެވެ.






