ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެން، ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދިވެހި އަސްކަރިއްޔާއިން ދީފިއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުންނެވެ.
އެމްއެންޑީއެފް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދައުލަތުން ގަބޫލުނުކުރާނެ ކަމަށް އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފައެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 243 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ސިފައިންގެ މައިގަނޑު މަޤްޞަދު ކަމަށެވެ. އަދި ސިފައިންގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައިވެސް އެ މަސްއޫލިއްޔަތު ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާކަން އެ ފަރާތުން ފާހަގަކުރެއެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ، "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު" ގައި ބަޔާންކުރާ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާއިން މެދުކެނޑުމެއްނެތި ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މޮރިޝަސްއާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ވަކިކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީސް (އިޓްލޮސް) އިން ނިންމާފައިވީ ނަމަވެސް، ކުރިން ވެސް އޮތްގޮތަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ، އެ ސަރަހައްދު ދިވެހި އަސްކަރިއްޔާއިން ބަލަހައްޓާނެ ކަމަށް ޑިފެންސް މިނިސްޓްރީންވެސް މިއަދުވަނީ ބުނެފައެވެ.
މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން 2022 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައި، އެ ގައުމާ ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު އަލުން ކަނޑައަޅާފައެވެ. މި ނިންމުމުގެ ސަބަބުން ދެ ގައުމަށް 200 ނޯޓިކަލް މޭލު ހަމައަށް ނުލިބޭތީ، އިޓްލޮސްއިން އެ ސަރަހައްދު ބަހާލީ ރާއްޖެއަށް 47,232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45,331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މީގެ ކުރިން ފޯޅަވައްސަކީ އިނގިރޭސީންގެ ތަނެއްގެ ގޮތުގައި ބަލަމުން އައިއިރު، މި ސަރަހައްދު ބަހާކަށް ނުޖެހެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޗާގޯސް މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަހައްދަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުން ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން އެ ސިޓީ އަނބުރާ ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށާއި، ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދު ބަލާނީ ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ނިންމެވުމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް ބަލަހައްޓަން ސިފައިންގެ ގާބިލުކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. މިއީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަމެއްކަންވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
".ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހި ކަނޑުތަކުގައި ގާނޫނީ ހަމަތަކުގެ މަތިން އިގުތިސާދީ އަދި އިޖުތިމާއީ ނަފާއައި މަންފާ ހާސިލުކުރުމަށް ފަހި، އަމާން އަދި ރައްކާތެރި ވެއްޓެއް ގާއިމްކޮށްދިނުމަށްޓަކައި ކުރަން ޖެހޭ އެންމެހާ ކަންކަން ދިވެހި އަސްކަރިއްޔާއިން ކުރަމުން ގެންދާނެ" ކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖެއިން މިހާތަނަށް ކަނޑުގެ ސަރަހައްދު ބެހުމާ ގުޅޭގޮތުން ސޮއިކޮށްފައިވަނީ ހަމައެކަނި 1976 ވަނަ އަހަރު އުތުރުގެ ގައުމުތަކާއެކު ވެފައިވާ އެއްބަސްވުމުގައި ކަމަށެވެ. އެހެން އެއްވެސް ފަރާތަކާއެކު އިތުރު އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާތީ، އެ ނޫން ހުރިހާ ސަރަހައްދަކުން ރާއްޖެއަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.




