ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ދެ ރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ އުސޫލު މިދިޔަ މަހުގެ 24ވަނަ ދުވަހު ވަނީ އާއްމުކޮށްފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން ތަރައްޤީކުރި ރޯހައުސްތަކަށް އެދި ފޯމު ހުށައެޅޭނީ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށްކަމަށެވެ. ފޯމު ހުށައެޅުމަށް ހުޅުވާލާފަވަނީ މިއަދުން ފަށައިގެން، 3 މަސް ދުވަހުގެ މުއްދަތަށެވެ.
ފްލެޓް ދޫކުރުމާއި ގުޅޭ އުސޫލު ބުނާގޮތުން މި ފްލެޓްތަކަށް، އެ ރަށްރަށުގެ ރަށްވެހިންނަށާއި އަދި ދިގު މުއްދަތަކަށް މި ރަށްތަކުގައި ދިރިއުމުންދާ މީހުންނަށްވެސް ކުރިމަތިލެވޭނެއެވެ. އެގޮތުން ރަށްވެއްސަކަށްވުން ނުވަތަ ހިޖުރަކޮށް މެދުނުކެނޑި ދިރިއުޅެމުންދާތާ 10 އަހަރުވެފައިވާ ފަރާތްތަކަށްވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެއެވެ. އަދި ޔުނިޓްތަކަށް އެދޭ ފަރާތުގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮވެގެން ނުވާނެއެވެ.
އުމުރުން 18 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭނެއެވެ.
ތުޅާދޫ އަދި ވިލުފުށީގައިވެސް ދޫކުރުމަށް ހަމަޖެހިފަައިވަނޯ ކޮންމެ ރަށަކުން100 ހައުސިންގ ޔުނިޓެވެ.




