މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ހެޑް އިސްމާއިލް ސާޖިދުގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ތަހުގީގު ފަށައިފިއެވެ. އޮފީސް މާހައުލުގައި ހިނގި ކަމަށް ބުނާ މި ހާދިސާއާ ގުޅިގެން ސާޖިދު މިހާރު ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑުކޮށްފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް އައްޔަންކުރި ސާޖިދު ސަސްޕެންޑުކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މި މައްސަލައަކީ އެފްއައިޔޫގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެމްއެމްއޭގެ ކަމާގުޅޭ ކޮމިޓީން ބަލަމުން އަންނަ މައްސަލައެކެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަންވެސް ކުރައްވާފައިވާ ސާޖިދަށް ކުރެވޭ މި ސީރިއަސް ތުހުމަތުތައް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. އަދި އެމްއެމްއޭއިންވެސް މި މައްސަލައިގައި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ސާޖިދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާ ސަސްޕެންޑުކުރިކަން އެންގީ ކުއްލި ގޮތަކަށް ކަމަށެވެ. އެހެންނަމަވެސް، އެމްއެމްއޭއިން އޭނާއަށް ފޮނުވި ސިޓީގައިވާ ތަފްސީލުތައް ހާމަކުރެއްވެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި ގާއިމުކޮށްފައިވާ މުހިންމު ޔުނިޓެކެވެ. މި ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ގާނޫނީގޮތުން ލިބިގެންވަނީ އެމްއެމްއޭގެ ގަވަރުނަރަށެވެ.
ސާޖިދު މި މަގާމަށް އައްޔަންކުރެވުނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފު މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރުމާ ގުޅިގެންނެވެ. މިހާރު ކުރިއަށްދާ ތަހުގީގުތަކަށްފަހު މި މައްސަލައިގައި އިތުރު ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ބެލެވެއެވެ.




