މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ދައުވާ އުފުލައިފި އެވެ.
އެނގިފައިވާ ގޮތުގައި ފަޒީންގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ޖިންސީ ގޯނާކުރުން އަދި ގައިގައި އަތްލުމުގެ ދައުވާ އެވެ.
މި މައްސަލަ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ. އެ މައްސަލައާ ގުޅިގެން ފަޒީން މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައި ވަނިކޮށް، އޭނާ ވަނީ މިދިޔަ އަހަރުގެ މާޗް މަހު މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. ފަޒީން އިސްތިއުފާ ދެއްވީ ކޮމިޝަންގެ މެމްބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިނިވަންކަމާއެކު އަދާކުރެވެން ނެތް ކަމަށް ވިދާޅުވެ އެވެ.
ޖިންސީ ފުރައްސާރަ އަމާޒުވި ކަމަށް ބުނާ މުވައްޒަފު މީގެ ކުރިން ބުނެފައިވަނީ، އޮފީސް ތެރެއިން ތަކުރާރުކޮށް ފަޒީންގެ ފަރާތުން ފުރައްސާރަ އަމާޒުވި ކަމަށެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއްކޮށް، އޮފީހަށް ނުނިކުމެ ހުންނަން ޖެހުނު ކަމަށް ވެސް އެ މުވައްޒަފު ކިޔައިދީފައިވެ އެވެ.
ނަމަވެސް، ފަޒީންގެ ވަކީލުން މި ތުހުމަތުތައް ދޮގުކުރައްވަ އެވެ. ވަކީލުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމުން ވެސް "ބުނި ބުނުން" ފިޔަވައި އެކަމާ ގުޅުވާލެވޭނެ އިތުރު އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ދެއްކިފައި ނުވާ ކަމަށެވެ.
ފަޒީން ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަންކުރީ މާޗު 2021 ގައެވެ. އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް މަސްއޫލިއްޔަތުތައް އަދާކޮށްފައިވަނީ ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވެފަ އެވެ.




