Thursday, November 5
މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް ހުށަހަޅައިފި

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ބިލެއް ހުށަހަޅައިފި އެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ މަޖިލީހުގެ މެމްބަރުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިހާބަކީ އެކީގައި ބާއްވާ ދެ އިންތިހާބު ކަމަށް ކަނޑައެޅުމެވެ. މީގެ އިތުރުން މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފަ އެވެ. މި ބަދަލާ އެކު، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުން އިންތިހާބުތަކަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި ކުރައްވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން އެކި ފަހަރުމަތިން ވިދާޅުވެފަ އެވެ. މެމްބަރު ފަލާހު ވިދާޅުވި ގޮތުގައި، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ.

މި ބަދަލުތަކުގެ އިތުރުން، ރައީސް ހުވާކުރައްވާ ތާރީހު ނޮވެމްބަރު 11 އަށް ބަދަލުކުރުމާއި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެސް ވަނީ ނިންމާފަ އެވެ. މިފަދަ ގައުމީ މުހިންމު ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދުމަށްޓަކައި ރެފަރެންޑަމްގެ ގާނޫނެއް މިދިޔަ އަހަރު ވަނީ ފާސްކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު