Thursday, November 5
އަންހެނުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ: ނަޝީދު

މުސްލިމު ޒުވާން އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ސިވިލް ސާވަންޓުން ހެދުން އެޅުމުގެ މިންގަނޑުތަކަށް ސިވިލް ސާވިސް ކޮމިޝަނުން ގެނައި ބަދަލުތަކާ ގުޅިގެންނެވެ.

މިދިޔަ ބުދަ ދުވަހު އާންމުކުރި ދައުލަތުގެ އޮފީސްތަކުގައި ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަމަލު ކުރަން ޖެހޭ އާ ގަވައިދުގައި، އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑުތައް ވަނީ ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައެވެ. އެގޮތުން، އަންހެން މުވައްޒަފުންގެ ހެދުން ހުންނަންވާނީ ކަރުވަޅާއި ބުޑު ނިވާވާ ގޮތަށް ކަމަށް ބުނެފައިވާއިރު، އިސްތަށިގަނޑުގައި ކުލަ ޖެއްސުން ވެސް ވަނީ މަނާކޮށްފައެވެ.

މި ކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މުސްލިމު ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ" ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އިތުރު ތަފުސީލެއް އެމަނިކުފާނު ދެއްވާފައެއް ނުވެއެވެ.

ސިވިލް ސާވިސްގެ މި ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެ ޕާޓީން ބުނި ގޮތުގައި ހަމައެކަނި އަންހެން ސިވިލް ސާވަންޓުންނަށް އަމާޒުކޮށް މިފަދަ އުސޫލެއް ތަންފީޒުކުރުމަކީ މުވައްޒަފުންގެ އަޚުލާގާ ގުޅޭ ކަމެއް ނޫން ކަމަށާއި، މިއީ ރަސްމީކޮށް ތަފާތުކުރުން ގެންގުޅުމުގެ ސިޔާސަތެއް ކަމަށެވެ.

އެމްޑީޕީން ވަނީ އަންހެން މުވައްޒަފުންނަށް އަމާޒުކޮށް ހަދާފައިވާ މި އުސޫލުތައް ވަގުތުން އުވާލުމަށް ސިވިލް ސާވިސް ކޮމިޝަނަށް ގޮވާލާފައެވެ. މި ގަވައިދަށް އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ވެސް މިހާރު ދަނީ އަމާޒުވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު