އެމެރިކާ ސިފައިން ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދީ، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ. ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރަތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އަތުލައިގަނެ، ވައިގެ މަގުން ވެނެޒުއޭލާއިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ވެނެޒުއޭލާއާއި އެގައުމުގެ ލީޑަރާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކާމިޔާބު އޮޕަރޭޝަނެއް ހިންގާފައެވެ. ނަމަވެސް، މަދޫރޯގެ ދެކަނބަލުން މިހާރު ތިއްބެވީ ކޮން ތަނެއްގައި ކަމެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ވެނެޒުއޭލާ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ވެނެޒުއޭލާގެ ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާ ރިޕޯޓްތަކުން އެނގޭ ގޮތުގައި، މެންދަމުން އަލިވެ 2 ޖެހި ފަހުން އެމެރިކާގެ ހެލިކޮޕްޓަރުތަކެއް ވަނީ ވަރަށް ތިރިން ވެނެޒުއޭލާގެ ވައިގެ ސަރަހައްދަށް ވަދެފައެވެ. އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާއިރު، ކަރަކަސްގެ ފުއެރްޓޭ ޓިއުނާ ފަދަ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކާ އެކު ވެނެޒުއޭލާގެ ވައިގެ ދިފާއީ ނިޒާމުން ރައްދު ދިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ހަމަލާތަކާ ގުޅިގެން ވެނެޒުއޭލާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ޓްރަމްޕްގެ މި ވާހަކަތަކަކީ ތެދެއް ނަމަ، މިއީ 1989 ވަނަ އަހަރު އެމެރިކާ ސިފައިން ޕެނަމާއަށް އަރައިގަތް ފަހުން ލެޓިން އެމެރިކާގެ ގައުމެއްގެ ވެރިއަކު ހައްޔަރުކުރުމަށް ހިންގި މިފަދަ ފުރަތަމަ އަސްކަރީ އުދުވާނަށް ވާނެއެވެ.
ހަމަލާގެ ފަހަތުގައިވާ ސަބަބުތައް
ރައީސް ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި މަދޫރޯ ވަނީ ވެނެޒުއޭލާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވަގުވިޔަފާރިކުރާ "ނާކޯ ސްޓޭޓް" އަކަށް ބަދަލުކުރައްވާފައެވެ. މީގެ އިތުރުން އެގައުމުގައި އެންމެ ފަހުން ބޭއްވި އިންތިހާބު އޮޅުވާލާފައިވާ ކަމަށްވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ. މި ހަމަލާ ދީފައި މިވަނީ ކެރީބިއަން ސަރަހައްދަށް އެމެރިކާގެ ނޭވީ ޓާސްކްފޯސްއެއް ފޮނުވައި، ވެނެޒުއޭލާއަށް ހަމަލާދީފާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހަފްތާގައިވެސް ވެނެޒުއޭލާގެ ޑޮކިން އޭރިއާއަކަށް ޑްރޯން ހަމަލާތަކެއް ދީފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ބޭނުންކުރާ ތަނަކަށް ދިން ހަމަލާއެއް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާއިރު، އެ ހަމަލާއަށްފަހު މަދޫރޯ ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.




