Thursday, November 5
ޑިސެމްބަރު މަހު 224،000 ޓޫރިސްޓުންނާ އެކު ރާއްޖޭގެ ޓޫރިޒަމް އާ ރެކޯޑެއް ހަދައިފި

ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި މިހާތަނަށް އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހަކަށް މިދިޔަ ޑިސެމްބަރު މަސް ވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް ވަނީ 224,000 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ.

މީގެ ކުރިން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ މަހު 217,000 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ އަދަދަކީ އެއަށްވުރެ ތިން ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ މަހުގެ ތެރެއިން އެންމެ ގިނަ މީހުން އައީ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 9,900 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ، ފެބްރުއަރީ އަދި މާޗު މަހު ވެސް ރާއްޖެއަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަހަރުގެ ތެރޭގައި އެންމެ މަދުން ޓޫރިސްޓުން އައީ މެއި މަހު އެވެ. އެ މަހު ރާއްޖެއަށް އައީ 135,000 ޓޫރިސްޓުންނެވެ. އެވްރެޖުކޮށް ދުވާލަކު 6,100 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ.

މުޅި އަހަރަށް ބަލާއިރު ރާއްޖެއަށް ޖުމްލަ 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ އަހަރުގެ ކުރީކޮޅު އަންދާޒާކުރި އަދަދަށްވުރެ އެއް ލައްކަ މަދު އަދަދެއް ނަމަވެސް، މި ދާއިރާއިން ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަހަރު ނިމުނުއިރު ޓޫރިޒަމް ރިސީޓުގެ ގޮތުގައި 5.6 ބިލިއަން ޑޮލަރު ރާއްޖެއަށް ލިބޭނެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު