Thursday, November 5
އީރާނުގައި ސަރުކާރާއި ދެކޮޅު މުޒާހަރާތަކެއް؛ ދެ މީހަކު މަރުވެއްޖެ

ދިރިއުޅުމުގެ ޚަރަދުތަކާއި ތަކެތީގެ އަގު އުފުލުމާ ގުޅިގެން އީރާނުގައި ކުރިއަށްގެންދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކެއްގައި ދެ މީހަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ލޮރްޑެގަން ސިޓީގައި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައެވެ.

އީރާނުގެ ފާރސް ނިއުސް އެޖެންސީ އާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތެއް ކަމަށްވާ ހެންގާއިން ވަނީ މި ހަމަނުޖެހުންތަކުގައި މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ފާރސް އެޖެންސީގެ ރިޕޯޓުގައި މަރުވި މީހުންނަކީ މުޒާހަރާގެ ބައިވެރިން ކަމެއް ނުވަތަ ސަލާމަތީ ބާރުތަކުގެ މެންބަރުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތް، ހެންގައުއިން ބުނި ގޮތުގައި މަރުވި ދެ މީހުންނަކީ މުޒާހަރާގެ ބައިވެރިންނެވެ. އެ ޖަމާއަތުން ވަނީ އެ ދެ މީހުންނަކީ އަހުމަދު ޖަލީލް އާއި ސައްޖާދު ވަލަމަނޭޝް ކަމަށް ބުނެ އެމީހުންގެ ވަނަވަރު ވެސް ހާމަކޮށްފައެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި މަގުމަތީގައި ޕާކްކޮށްފައި ހުރި ކާރުތަކުގައި އަލިފާން ރޯކޮށް، ސަރުކާރުގެ ބައެއް އިމާރާތްތަކަށް ވެސް ގެއްލުންދީފައިވާކަން ފާހަގަކުރެވެއެވެ.

މުޒާހަރާގެ ބައިވެރިން ދަނީ އެގައުމުގެ ސުޕްރީމް ލީޑަރު އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން، ބައެއް ބައިވެރިން ވަނީ މިހާރު އޮތް ޑިމޮކްރެސީގެ ބަދަލުގައި އަލުން ރަސްކަމެއް ގާއިމުކުރުމަށް ވެސް ގޮވާލާފައެވެ. މިއީ އީރާނުގެ ފައިސާގެ އަގު ވެއްޓުމާ ގުޅިގެން އެގައުމުގެ އެކި ސިޓީތަކުގައި މުޒާހަރާތައް ކުރިއަށްދާތާ ފަސްވަނަ ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު