Thursday, November 5
މާލޭ ސިޓީ ކައުންސިލްގެ އެސްޖީ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލުން ކަނޑައަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ވަޖީހު ނަސީރު އެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައި، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހުކުމްކޮށްފިއެވެ. މި މައްސަލަ ބަލައި ހުކުމް ކުރެއްވީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނާއިބު ރައީސް ފާތިމަތު މަހީރާ މުހައްމަދެވެ.

ވަޖީހު ނަސީރު މަގާމުން ވަކިކުރީ 15 އޮގަސްޓް 2024 ގައި، އޭރުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހުށަހެޅުއްވި ހުށަހެޅުމަކަށް ކައުންސިލްގެ ބޮޑު މެޖޯރިޓީއަކުން ފާސްކޮށްގެންނެވެ. މި ނިންމުމަށް ވޯޓު ނުދެއްވަނީ އޭރު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހް އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އާއިޝަތު ނާޒިމާ އެކަންޏެވެ.

ޓްރައިބިއުނަލްގައި އަހަރެއްހާ ދުވަހަށް ދިގު ދެމިގެން ދިޔަ ޝަރީއަތަށް ފަހު ނިންމާފައިވަނީ، ނަސީރު ވަކިކުރީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފަކު ވަކިކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމް ނުކޮށް ކަމަށެވެ. ހާއްސަކޮށް، އޭނާއަށް ކުރެވުނު ތުހުމަތުތަކާ ގުޅޭގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަން ޓްރައިބިއުނަލްގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ތެރޭގައި ފާހަގަކުރެވުނު އެއް ކަމަކީ، ސިޓީ ކައުންސިލުން އެކިއެކި ފަރާތްތަކަށް ނުދައްކައި އޮތް 240 މިލިއަނަށްވުރެ ގިނަ ރުފިޔާ، އުސޫލުތަކުގެ ބޭރުން ދެއްކުމަށް ނަސީރު ދެކޮޅު ހެއްދެވި މައްސަލައެވެ. މި މައްސަލަ ރައްދުވަނީ ސިވިލް ސާވިސް ކޮމިޝަނަށެވެ.

ނަސީރުގެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އޭނާ ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، މަގާމުން ވަކިކުރި ދުވަހުން ފެށިގެން އާ ވަޒީފާއެއް ލިބުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ. މިގޮތުން ޖުމްލަ 239,026 ރުފިޔާ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު