މި އަހަރުގެ ތެރޭގައި ހުކުރު ޚުތުބާ ލިޔާނެ މައުޟޫތަކާ މެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ. މިއީ ހުކުރު ޚުތުބާގެ މައުޟޫތައް ކަނޑައެޅުމުގައި އާންމުންގެ ބައިވެރިވުން ހޯދުމަށް މިފަދަ ފުރުސަތެއް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، ހުކުރު ޚުތުބާ ލިޔާ މައުޟޫތަކާ މެދު ރައްޔިތުންގެ ޝުއޫރުތައް ދެނެގަންނަން ބޭނުންވާ ކަމަށެވެ. އެހެންކަމުން، މި އަހަރުގެ ތެރޭގައި މިސްކިތްތަކުގައި އަޑުއަހަން ބޭނުންވާ މައުޟޫތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ޚުތުބާގެ މައުޟޫތައް ހުށަހެޅުމުގެ ފުރުސަތު އޮތީ މިނިސްޓްރީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓަށް ކޮމެންޓު ކޮށްގެންނެވެ. މީގެ އިތުރުން، އެހެން މީހުން ހުށަހަޅާފައިވާ މައުޟޫތަކުގެ ތެރެއިން ކަމުދާ މައުޟޫތަކަށް ލައިކު ދިނުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
މި ފުރުސަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިހާތަނަށް 560 އަށް ވުރެ ގިނަ މީހުން ވަނީ އެކި މައުޟޫތައް ހުށަހަޅައި ކޮމެންޓު ކޮށްފައެވެ. ބައެއް މީހުން ހުށަހެޅި މައުޟޫތަކަށް ސަތޭކައާ ގާތްކުރާ އަދަދަކަށް ލައިކު ލިބިފައިވާކަން ފާހަގަކުރެވެއެވެ. ޚާއްސަ ކަމެއްގެ ގޮތުން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މި ޕޯސްޓަށް ކޮމެންޓު ކުރައްވައި ޚުތުބާގެ މައުޟޫއެއް ހުށަހަޅުއްވާފައެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މި މައުޟޫގެ މައްޗަށެވެ. މިނިސްޓްރީގެ މި އާ އިސްނެގުމާއެކު، ކުރިއަށް އޮތް ތަނުގައި އާންމުންގެ ކަންބޮޑުވުންތަކާއި ޝައުގުވެރިކަން ހުރި ދީނީ އަދި އިޖުތިމާއީ މައުޟޫތަކަށް ޚުތުބާތައް ބިނާވެގެންދާނެ ކަމަށް ބެލެވެއެވެ.




