ގިނަ އެއާޕޯޓްތަކެއް އެޅުމުގެ ބަދަލުގައި ރަށްރަށުގައި އެއާ ސްޓްރިޕް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
"ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ބައެއް ޒުވާނުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޒުވާނުންގެ އެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ވިދާޅުވީ އެއީ އެމަނިކުފާނުވެސް ވިސްނަވާ ކަމެއް ކަމަށެވެ.
ނަމަވެސް ސީޕްލޭންގެ އޮޕަރޭޝަނަކީ ރޭގަނޑު ހިންގޭ އޮޕަރޭޝަނަކަށް ނުވުމުން އެކަމަށް އިތުރު ޙައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެކަމާއިމެދު ވާހަކަ ދެކެވި މިހާރުވެސް މަޝްވަރާކުރެވިފައިވާ ކަމަށާ އެ ގޮތުން ރަށްރަށުގައި ކުދި ބޯޓް ފަހަރު ޖެއްސޭ ގޮތަށް 600 މީޓަރުގެ އެއާ ސްޓްރިޕެއް ހެދުމުގެ ޚިޔާލު އެބައޮތް ކަމަށް ވިދާޅުވި އެވެ.
"އޭރުން ނުޖެހޭ އެއާޕޯޓް ހަދާކަށް. އޭރުން ވަރަށް ގިނަ ރަށްތަކުގައި މަތީން ގޮސް ޖައްސަންވީ," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަން ކުރެވިއްޖެނަމަ ސީޕްލޭންފަދަ ކުދި ބޯޓްތަކުގައި ފުރޮޅު ހަރުކޮށް ޖެއްސޭނެ އިންތިޒާމު ހަމަޖެހުމުން ޚަރަދު ކުޑަކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި މިހާރުވެސް 20 އެއާޕޯޓް އެބަ އޮތެވެ.




