Friday, October 30
ޤައުމެއްގެ ސަޤާފީ ސިޔާދަތު މަތިކުރުމުގައި އަމިއްލަ އަކުރު މުހިންމު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޤައުމެއްގެ ނިސްބަތުން ބަލާއިރު އަމިއްލަ އަކުރެއް އޮތުމަކީ އެ ޤައުމެއްގެ ސަޤާފީ ސިޔާދަތު އެތައް ގުނައަކަށް މަތިވެގެންދާ ކަމެއްކަމުގައެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީން 2025ވަނައަހަރު ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައެވެ.

މި ޖަލްސާ އޮތީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވީ ހޮނިހިރު ދުވަހުގެ ރޭ، ހުޅުމާލޭ ޞަލާޙުއްދީނު އިސްކޫލުގައެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއް ނޫން ނަމަވެސް، މިފަހަރު އެކަން އިޞްލާޙުކުރެވިފައިވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ދިވެހި ތާނައަކީ ދިވެހިންގެ ފަޚުރެއްކަމާއި، އަމިއްލަ ބަހެއްގެ އިތުރުން އަމިއްލަ އަކުރެއް އޮތުމަކީ ޤައުމެއްގެ ސަޤާފީ ސިޔާދަތު މަތިކޮށްދޭނެ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

''އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ތާނައަކީ ދިވެހީންގެ ފަޚްރެއް. ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން ދިވެހީންގެ އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެއް. އަދި ޤައުމެއްގެ ނިސްބަތުން ބަލާއިރު، އަމިއްލަ އަކުރެއް އޮތުމަކީ އެ ޤައުމެއްގެ  ސަގާފީ ސިޔާދަތު އެތައް ގުނަޔަކަށް މަތިވެގެންދާ ކަމެއް. މި ސަބަބަށް ޓަކައި އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ޤައުމީ ފެންވަރުގައި ވަޒަންކުރެވޭ،  ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަން އަޅުގަނޑު މިހާރުވާނީ ކަނޑައަޅާފާ'' ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުން ފެށިގެން މި މުބާރާތް ޤައުމީ ފެންވަރުގައި ވަޒަންކުރެވޭ ޤައުމީ ބޮޑު، މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދަވަން ނިންމަވާފައިވާކަން ވެސް ރައީސް އިޢުލާންކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު