ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކޮންމެ ކުއްޖަކު ވެސް އެކުދިންނަށް ލިބިފައިވާ އަދަބީ ހުނަރުތައް ދިވެހި ޤައުމާ އެއްކޮޅަށް، ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މި ޖަލްސާ ބާއްވާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ޞަލާޙުއްދީނު އިސްކޫލުގައެވެ.
ޖަލްސާގައި ބައިވެރިވި ދަރިވަރުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރިވަރުންގެ މަޒުމޫނު ލިޔުމާއި، ވާހަކަ ދެއްކުމާއި، ޅެންވެރިކަމުގެ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އެމަނިކުފާނު ވަނީ ދީނީ އަދި ޤައުމީ މަސްލަޙަތު ހިމެނޭ ލިޔުންތައް ލިޔުމަށާއި، ފަސާދައަށް ނޫނެކޭ ބުނުމަށާއި، އުފެއްދުންތެރި ޚިޔާލުތައް އާއްމުކުރުމަށް ގޮވާލައްވާފައެވެ.
''ކޮންމެ ކުއްޖަކު ވެސް އެކުއްޖަކަށް ލިބިފައިވާ އަދަބީ ޤާބިލުކަން އަބަދުވެސް ދިވެހި ޤައުމާ އެއްކޮޅަށް ބޭނުންކުރަން އަޅުގަނޑު ތިޔަ ކުދީންނަށް ގޮވާލަން. އެއީ ދީނީ ގޮތުންނާއި ޤައުމީ ގޮތުން މަޞްލަޙަތު ހުރި ލިޔުންތައް ލިޔުން. އެ ގޮތަށް ވާހަކަދެއްކުން. ފަސާދަޔަށް ނޫނެކޭ ބުނުން. އުފެއްދުންތެރި އާ ވިސްނުންތައް ވިސްނައި ޚިޔާލުތައް އާންމުކުރުން. ދޭދޭ ޤައުމުތަކުގެ ގުޅުންތަކާއި ދިވެހި ޤައުމުގެ ސަލާމަތާއި، އިޖުތިމާޢީ އަދަބުތަކާއި ބަހުގެ ހަމަތަކަށް ފިސާރި ފަރުވާތެރިވުން. ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ކޮންމެ ފޮޅުވަތެއް ވެސް ލިޔުން. ކޮންމެ ވާހަކައެއް ވެސް ޙަޤީޤަތާ މަސްލަޙަތާ އެއް ގޮތަށް ބުނުން. އަޅުގަނޑު ތިޔަ ކުދީންގެ ކިބައިން އެދެނީ ތިޔަ ކުދީންގެ މި ލޯބިވެތި ވަޠަން ދެކެ އަބަދުވެސް ހިތުގެ އެންމެ ފުންމިނުން ލޯބިވުން'' ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގެ ނިންމާލައްވަމުން އެދިވަޑައިގަތީ، ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ކޮންމެ ފޮޅުވަތެއް ވެސް ލިޔެ، ކޮންމެ ވާހަކައެއް ވެސް ޙަޤީގަތާއި މަސްލަޙަތާއި އެއްގޮތަށް ބުނުމަށެވެ. އަދި، ދަރިވަރުންގެ މި ލޮބުވެތި ވަޠަން ދެކެ އަބަދުވެސް ހިތުގެ އެންމެ ފުންމިނުން ލޯބިވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.





