ވިޔަފާރިތަކަށް ކުޑައަގެއްގައި ގުދަން ހަދަން ބިން ލިބޭނެ ގޮތް ފަހިކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރީންނާއެކު މިރޭ ބޭއްވެވި ބައްދަލްވުމުގައި ބައެއް ވިޔަފާރިވެރީން ވަނީ ގުދަން ކުރަން ބިން ހޯދުމަށް ދަތިތައް ދިމާވާތީ އެކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިޔަފާރި މުދާ ގުދަން ކުރަން ކުއްޔަށް ތަންތަން ނުލިބޭ ކަމުގެ ޝަކުވާ ވިޔަފާރިވެރީންގެ ފަރާތުން އިވިވަޑައިގަންނަވާ ކަމަށާ އެއީ ސަރުކާރުން އެ ކަން ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމެއް ކަމަށެވެ.
އެގޮތުން މިހާރުން މިހާރަށްވެސް އެޗްޑީސީ ނުވަތަ އެމްޕީއެލްއާ މަޝްވަރާކޮށްގެން ހައްލެއް ހޯދޭނެ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ. އެޗްޑީސީން މިހާރުވެސް ގުދަންތަކެއް ކުއްޔަށް ދޭން ތައްޔާރުވަމުންދާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ވިޔަފާރިތަކަށް ކުޑައަގެއްގައި ގުދަން ހަދަން ބިން ލިބޭނެ ގޮތް ފަހިކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަދި ތިބޭފުޅުންނަށް ކުޑަ އަގެއްގައި ބިން ކުއްޔަށް ނެގޭނެ ގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން ކޮން ކަހަލަ އަކުންތޯ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މި ފުރުސަތު ލުއި ގޮތެއްގައި ހަޤީޤީ މާނާގައި ކުޑަ ކުއްޔަކަށް ދެވޭނީ," ރައީސް ވިދާޅުވި އެވެ.





