Thursday, November 5
ބޮލީވުޑްގެ ވެޓެރަން ތަރި "ދަރޭ" އުމުރުން 89 އަހަރުގައި މަރުވެއްޖެ

ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބޮލީވުޑްގެ ވެޓެރަން ތަރި ދަރުމެންދްރަ ދަރޭ، އުމުރުން 89 އަހަރުގައި މިއަދު މަރުވެއްޖެއެވެ.

ދަރޭ އަވަހާރަވީ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އިންޑިއާގެ ހިންދީ ސިނަމާގެ އެންމެ ވިދުން ގަދަ އެއް ތަރިއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ދަރޭގެ ވަކިވެ ދިއުމަކީ ފިލްމީ ދާއިރާއަށް ލިބުނު ބޮޑު ހީނަރުކަމެކެވެ.

ދަރޭ މަރުވި ޚަބަރާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސިޔާސީ އިސްފަރާތްތަކުގެ އިތުރުން، ފިލްމީ ތަރިންވެސް އަންނަނީ ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަމުންނެވެ. އޭނާގެ ދިގު ފިލްމީ ކެރިއަރަށް އިހުތިރާމްކޮށް، ފިލްމު އިންޑަސްޓްރީގެ ގިނަބަޔަކު އަންނަނީ ދަރޭ ދިރިއުޅުނު ގެއަށް ޒިޔާރަތްކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ދަރުމެންދްރަ ދަރޭގެ ސިއްހީ ހާލަތު ގޯސްވެ، އެކި ފަހަރު މަތިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ. މި މަހުގެ ކުރީކޮޅުވެސް އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން އޭރު ދަރޭއަށް ފަރުވާދީފައިވަނީ ވެންޓިލޭޓަރުގައެވެ. ދިވެހީންގެ މެދުގައިވެސް ވަރަށް މަގުބޫލު މި ތަރިއަކީ، ގިނަ ދުވަސްތަކެއް ވަންދެން ބޮލީވުޑްގައި ހިދުމަތްކުރި ބޭފުޅެކެވެ.

ދަރޭގެ ފިލްމީ ހަޔާތް ފެށިފައިވަނީ 1960 ވަނަ އަހަރުއެވެ. އޭނާގެ ދިގު ފިލްމީ ކެރިއަރުގައި 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެއެވެ. އޭގެ ތެރޭގައި ލޯބީގެ ފިލްމުތަކާއި އެކްޝަން، ކޮމެޑީ އަދި ޑްރާމާ ފިލްމުތައް ވެސް ހިމެނެއެވެ. މަޝްހޫރު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ދަރްމެންދުރަ އެންމެފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ތޭރީ ބާތޯ މެއިން އޭސާ އުލްޖާ ޖިޔާ" އިންނެވެ. އަދި އަންނަ މަހު ރިލީޒްކުރާ ބޮލީވުޑްގެ ހަނގުރާމަ މަތީ ފިލްމު "އިއްކިސް" ގެ ރޯލެއް ވެސް އޭނާ ވަނީ ކުޅެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު