Thursday, November 5
ފައިސަލްގެ މައްޗަށް މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ތުހުމަތު

ހައި ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްގެ މައްޗަށް ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިރޭ ބުނެފި އެވެ. ފައިސަލް އިސްތިއުފާ ދެއްވިއިރު، އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވެސް ދަނީ ބަލަމުންނެވެ.

އޭސީސީން ބުނި ގޮތުގައި، މި މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ ފުލުހުންގެ ފަރާތުންނެވެ. ފަނޑިޔާރު ފައިސަލްގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮރަޕްޝަންގެ އަމަލުތަކާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ކަމަށް ވެސް އޭސީސީން ހާމަކުރެ އެވެ. މިހާރު މި މައްސަލަތައް އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އޭގެ ކުރިން، އޭނާ ވަނީ 2014 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ޖޭއެސްސީގެ މެންބަރުކަން އަދާކުރައްވާފަ އެވެ. އަދި ހައިކޯޓަށް ވަޑައިގަތުމާ ހަމައަށް، ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ. ފައިސަލްއަކީ ޝަރީއަތާއި ގާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ ވަނީ އެސްއެމްއެންއެސް އިކުއިޓީ ޗެމްބަރގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވެސް މަސައްކަތްކުރައްވާފަ އެވެ.

ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވުމާއެކު، ހައިކޯޓުގެ ފަނޑިޔާރުންގެ މަގާމުތަކުގެ ތެރެއިން އިތުރު މަގާމެއް ހުސްވީ އެވެ. ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ހައިކޯޓުގައި އިސް ފަނޑިޔާރާއިއެކު ޖުމްލަ 11 ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު