ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ޚާއްސަ އޮޕަރޭޝަން ކަމަށްވާ "އަލިމަގު" އޮޕަރޭޝަނުގައި ޖުމްލަ 110 މީހަކު ހައްޔަރުކޮށް، 23 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިކަން މިނިސްޓަރ ހާމަކުރެއްވީ ރޭ ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރ އިޙްސާން ވިދާޅުވީ، "އަލިމަގު" އޮޕަރޭޝަން ނިމުނުއިރު ހައްޔަރުކުރެވުނު 110 މީހުންގެ އިތުރުން، މަސްތުވާތަކެތި ވިއްކުމަށް ބޭނުންކުރި އާލާތްތަކާއި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އަދި ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި އޮޕަރޭޝަނަކީ ހަ މަސް ދުވަހުގެ ދިގު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުރެވުނު މަސައްކަތެއް ކަމަށެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ، ދެން އޮތީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް މި ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ ބޮޑެތި ވިޔަފާރިވެރިންނާ ހަމައަށް ދިޔުން ކަމަށެވެ. ވިޔަފާރިވެރިންނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އެފަދަ މީހުން ރައްޔިތުންނަށް ދީފައި ހުރި ބޮޑެތި ގެއްލުންތަކަށް ޤާނޫނު އަރާ ހަމަކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުގައި ހިމެނުމަށް ރައީސް ވަނީ ނިންމަވާފައެވެ.





