ގޫގުލް އިން އައްޑޫގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމުކުރަން ނިންމައިފިއެވެ.ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގޫގުލް އިން، އައްޑޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރުމަށް ނިންމިކަން ހާމަކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރެފައިވާ ނޫސްބަޔާނަކުންނެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އާއި އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ތާރީޚީ މަޝްރޫޢެކެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ގޫގުލް އިން ނިންމާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށެވެ. މި ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ތާރީހީ މަޝްރޫއަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރަން އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ހިތަދޫގައި ގާއިމްކުރާ މި ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ މަރުކަޒަކަށެވެ.
މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕު ގުޅުވައިދޭ އިތުބާރު ހުރި، ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއީ އިންޑިއާ ކަނޑުގައި ގާއިމުވެގެންދާ ޑިރިޒަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމްވުމަށް ލިބިގެންދާ ފުރުސަތެކެވެ. މާލޭގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި، ހިތަދޫގައި ގާއިމުކުރެވޭ މި އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓާ އެކު، ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެއެވެ.
ގޫގުލްގެ މި ބޮޑު އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މީގެ ސަބަބުން ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް އަދި ޓެކްނޮލޮޖީ ސްޓާޓް-އަޕްސް ފަދަ ދާއިރާތައް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި މަޝްރޫއަކީ އިގުތިސޯދު ސިންދަފާތުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެކެވެ. އަދި މި އިންގިލާބީ މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާ އެކު ތަންފީޒުކުރަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފައެވެ.







