ރައްޔިތުންގެ މަޖިލީހުގެ ފަރާތުން، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބަނދަރުގެ ހާލަތު ބައްލަވައި، އެ ތަނަށް ޒިޔާރަތްކުރައްވައިފި އެވެ. މި ޒިޔާރަތުގެ ބޭނުމަކީ ބަނދަރުގެ ހާލަތު ވަޒަންކޮށް، ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ހައްލު ހޯދުމަށް މަސައްކަތް ކުރުމެވެ.
މި ދެ ބޭފުޅުން ވެސް ވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދަށް ވަޑައިގެން، އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސީއީއޯ މުހައްމަދު ރިޝްވާނާއި ކުންފުނީގެ މެނޭޖްމަންޓާ އެކު މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން، އެމްޕީއެލްގެ ބަނދަރުގެ ހާލަތާއި ދިމާވާ ދަތިތައް ރިޝްވާން ވަނީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރައްވާފަ އެވެ.
މި ޒިޔާރާތާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ، ފަހަކަށް އައިސް ވިޔަފާރި ބަނދަރުގައި ހުރި ގިނަ މައްސަލަތައް ފާހަގަކުރެވޭތީ، އެ ކަންކަން ހައްލުކުރަން ހާލަތު ދެނެގަތުން މުހިންމު ކަމަށެވެ. "ބޭނުމަކީ އަސްލު ހާލަތު އަޅުގަނޑުމެން ދެނެގަތުން. އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ކަންކަން އަޅުވާއިރު ހާލަތު އަޅުގަނޑުމެން ދެނެގަނެ ކަންކަން ހައްލު ކުރެވޭތޯ މި އުޅެނީ،" 241 ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.
މި ޒިޔާރަތުގެ އަނެއް މުހިންމު ބޭނުމެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ، ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރާ ސިސްޓަމް ބެހެއްޓުމަށް ބަނދަރުގައި ޖާގަ ހުރިކަން ކަށަވަރުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމެވެ. މި ސިސްޓަމް ގާއިމް ކުރުމަށް ކަސްޓަމްސް އިން މަސައްކަތް ފަށާފައިވާއިރު، ބަޖެޓު ކޮމިޓީ އަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މި ސިސްޓަމް ގާއިމް ކުރުމުން މިހާރު ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ކަސްޓަމްސް އަދި އެމްޕީއެލް އިން ވެސް ވަނީ ބުނެފަ އެވެ.
241 ކޮމިޓީން މިހާރު ވެސް ގެންދަނީ ކަސްޓަމްސްގެ އެކި މައްސަލަތައް ތަހުގީގުކޮށް، ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބޮއްސުންލާފައިވާ ކަމަށް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލަ ވެސް ކޮމިޓީން އަންނަނީ ތަހުގީގުކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ވެސް ބަނދަރުގައި ހުރި ދޯހަޅި ކަންކަން ދެނެގަތުމުގެ މަސައްކަތް ކޮމިޓީން އަންނަނީ ކުރަމުންނެވެ.






