އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި ފައްޔާޒް ކިބައިން ބަދަލު ހޯދޭނެކަމަށް ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.
ފެމިލީކޯޓުގެ ހުކުމުގައިވާގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން މަންދީ އެމްޑީޕީ އެއްވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން، އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ކިބައިން ބަދަލު ހޯދޭނެއެވެ.
މިއީ އެމްޑީޕީން މިދިޔަ މާޗް މަހު ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުން ރައީސްގެ ދަރިކަލަކާ ގުޅުވައިގެން މަންދީ އާއި އަހުމަދު ސަލީމް (މާޒް) ވާހަކަ ދެއްކި މައްސަލައެކެވެ. މައްސަލަ ކޯޓަށް ހުށަހެޅުއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އެވެ.
ފެމިލީ ކޯޓުން މިއަދު ކުރި ހުކުމްގައި ކަނޑައަޅާފައި ވަނީ މަންދީ އާއި މާޒް ދެއްކި ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ރައްކާތެރިކަމަށް އަދި ކަރާމާތަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ހުކުމްގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެ ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރު ދީފައިވާކަން ސާބިތުވާތީ، އެމްޑީޕީ އާއި ފައްޔާޒް އެކަމަށް ޒިންމާވާން ޖެހޭނެ އެވެ. އެހެންކަމުން، އެމްޑީޕީ އާއި ފައްޔާޒްގެ ފަރާތުން ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިވަޑައިގަންނަވާނެ ކަމަށް ފެމިލީ ކޯޓުގެ ހުކުމުގައިވެ އެވެ.
މި މައްސަލާގައި ފަސްޓްލޭޑީގެ ފަރާތްޕުޅުން މަންދީގެ އިތުރުން ފައްޔާޒާއި އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓުގައި ވެސް ދައުވާކޮށްފައިވެ އެވެ. ސިވިލް ކޯޓުން މިދިޔަ ޖުލައި މަހު ނިންމާފައި ވަނީ މަންދީގެ ވާހަކަތަކުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އޭރު ސިވިލް ކޯޓުން ނިންމާފައި ވަނީ ފައްޔާޒާއި އެމްޑީޕީން ސީދާ ގޮތެއްގައި ކުރި ކަމަކަށް ނުވާތީ، އެ ދެ ފަރާތުން އެކަމަށް ޒިންމާވާން ނުޖެހޭނެ ކަމަށެވެ.
މި ދެ ކޯޓުން ވެސް ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅާފައި ވިޔަސް، ގެއްލުމުގެ ބަދަލު ހޯދުމަށް ފަސްޓްލޭޑީގެ ފަރާތްޕުޅުން މިހާތަނަށް ދައުވާ ކުރައްވާފައެއް ނުވެއެވެ.





