ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ބައެއް މުހިންމު ޚިދުމަތްތައް ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް ކަމަށްވާ "ވަންގަވް"އަށް ބަދަލުކޮށްފިއެވެ. މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުން އަވަސްވެ، އެންސްޕާގެ މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ވަންގަވްގެ ކަންކަން ބަލަހައްޓާ މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ)ގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން، މީގެ ކުރިން އެންސްޕާގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ލިސްޓުތައް ނިންމުމަށް މުވައްޒަފުން މެނުއަލްކޮށް ކުރަމުން ދިޔައީ ބުރަ މަސައްކަތެއްކަން ހީނާ ފާހަގަކުރެއްވިއެވެ. "ވަންގަވް"އަށް ބަދަލުކުރުމުގެ ސަބަބުން އެ އިދާރާގެ މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ފަސޭހަވެ، ހަލުވިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދެވޭނެ،" ހީނާ ވިދާޅުވިއެވެ.
މި ބަދަލާއެކު އެންސްޕާއިން ފަސް މުހިންމު ޚިދުމަތެއް ވަންގަވް ޕްލެޓްފޯމް މެދުވެރިކޮށް މިހާރު ލިބޭނެއެވެ. އެއީ: ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ، ފަގީރު ހާލުގައި އުޅޭ އެހެން މީހުންގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ދެމުންދާ އެހީ، ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ، އަދި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީއަށް ދޭ އެހީއެވެ.
ހީނާ ވިދާޅުވީ މި ޚިދުމަތްތައް ރަސްމީކޮށް އަންނަ އަހަރުން ފެށިގެން ވަންގަވްއަށް ބަދަލުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެންސްޕާގެ އިތުރު ޚިދުމަތްތައް ވެސް މި ޕްލެޓްފޯމުން ލިބޭނެ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ އިދާރާތައް ޑިޖިޓަލްކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ، 2028 ވަނަ އަހަރުގެ ކުރިން ސަރުކާރުގެ ހުރިހާ އިދާރާތަކެއް ޑިޖިޓަލްކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު ފަސް އިދާރާއެއް ވަންގަވް ޕްލެޓްފޯމަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.







