Thursday, November 5
ޤައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން : ފަސްޓްލޭޑީ

އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް މިރޭ ބޭއްވި ޝަރަފުވެރި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ކޮންމެ އިންސާނެއްގެވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާކަން ހަނދުމަކޮށްދެއްވިއެވެ. އަދި ޤައުމަށް އެކި ރޮނގުރޮނގުން ޚިދުމަތްކުރާ މީހުން ބިނާކުރުމުގައި މައިން ވާ ޤުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. ފަސްޓްލޭޑީ ވިދާޅުވީ، އަންހެނުން ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށާއި، އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައި ކަމަށެވެ.

ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާޢީ ޒިންމާތަކަށް އަލިއަޅުވާލައްވަމުން، އެކަމަނާ ވަނީ، ފަންނިއްޔާތަށް އަހުލުވެރިވުމާއި، ވިޔަފާރީގެ އާ ގޮތްތައް އީޖާދުކުރުމާއި، ސިޔާސީ ފުރުޞަތުތަކަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތާރީޚުގެ ޞަފުޙާތަކަށް ހަވާލާދެއްވައި، ދިވެހި އަންހެނުންނަކީ، ޢިލްމީ، ވިސްނުންތެރި، ދުރުވިސްނޭ، އަބުރުވެރި، ހުޝިޔާރު އަދި ޤާބިލު ބައެއްކަން އެކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުން ސާބިތުވެގެންދިޔައީ ދިވެހި އަންހެނުންގެ ޤާބިލުކަމާއި، ހީވާގިކަމާއި، މުރާލިކަން އަދި ނަތީޖާ ހާސިލުކުރުމުގައި ވާ ޤުރުބާނީކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ އެކި ދާއިރާތަކުން ރެހެންދި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ހޫނު ތަހުނިޔާ އާއި މުބާރަކުބާދީ ވިދާޅުވެފައެވެ.

2024 ވަނަ އަހަރާއި 2025 ވަނަ އަހަރަށް ޖުމްލަ 14 ބޭކަނބަލަކަށާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއަކަށް ރެހެންދި އެވޯޑު ލިބިފައިވާއިރު، އެފަރާތްތަކަށް އެވޯޑާއި ބްރޫޗް ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ރެހެންދި އެވޯޑަކީ، ޤައުމީ ޚިދުމަތުގައި އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދެއްވާ ޚާއްޞަ އެވޯޑެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު