ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ނޯންނަ ގޮތް ހެދުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި އިސްލާހުތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ވެސް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް މި ހުރިހާ އިސްލާހުތަކާ ގުޅޭ ބިލްތަކުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ އެޖެންޑާ ކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލް ވުޖޫދުކުރަން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރުމަށެވެ. އަދި އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ ވެސް އުނިކުރަން ޝުޖާއު ހުށަހެޅުއްވި އެވެ. މީގެ އިތުރުން، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ. އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށް ވެސް ކަނޑައަޅަން ޝުޖާއު ވަނީ ހުށަހަޅުއްވައިފަ އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން، ލާމަރުކަޒީ ނިޒާމުގެ ދަށުން އިންތިހާބު ކުރާ ކައުންސިލަރުންގެ އަދަދަށް ވެސް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި އިސްލާހުގައި ވަނީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުންނަށް އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ފަސް ކައުންސިލަރުންނަށް މަދު ކުރަން ހުށަހަޅުއްވައިފަ އެވެ. މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ތިން ކައުންސިލަރުން ތިބޭ ރަށު ކައުންސިލްތަކުގެ އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭއިރު، ފަސް މެމްބަރުންގެ ކައުންސިލެއްގެ ދެ ގޮނޑި އަންހެންނުނަށް ހާއްސަކުރަން ވަނީ ލާޒިމުކޮށްފަ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ވެސް ބަދަލުތަކެއް ހުށަހަޅާފައި ވެ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތެރެއިން، ފުލް ޓައިމް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ރައީސް އެކަނި ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ތާއީދު ކުރައްވާ ކަމެކެވެ. ރައީސް މުއިއްޒު މިދިޔަ އޮގަސްޓު މަހު ވިދާޅުވެފައިވާ ގޮތުގައި އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގައި ބޭކާރު ފަށަލައެއް ކަމަށާއި، އެ ފަށަލަ ދުއްވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެ ކަމަށެވެ. ރައީސް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ ކަމަށެވެ.






