Saturday, November 14
ހަފުތާ ބަންދުގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް، 299 އުޅަނދު ބަލައިފާސްކުރި

ހަފުތާ ބަންދަށް ހާއްސަކޮށްގެން ހުޅުމާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ނޮވެމްބަރު މަހުގެ 13 އިން 14 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވުމަށާއި، މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށާއި، ހުޅުމާލެއަކީ އެންމެނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މިގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޮޕަރޭޝަންގައި، 299 އުޅަނދު ބަލައިފާސްކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އުޅަނދު ދުއްވި 43 މީހަކަށް ނަސޭހަތްތެރިވެފައިވާއިރު، ތިން މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި، ގަވާއިދާ ހިލާފުވި ދެ އުޅަނދެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ހުޅުމާލޭގައި ރާވައިގެން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށްޓަކައި، މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ 27 ތަނަކާއި ގުރޫޕުތައް އެއްވެއުޅޭ 25 ތަނެއް ބަލައިފާސްކޮށް އަދި 25 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު