އައްޑޫގެ ތަރައްޤީއަކީ ކުރީގެ ސަރުކާރުތަކުން އަބަދުވެސް ބިލާހަކަށް ހަދާފައި އޮންނަ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ މާލޭ އާޓިފިޝަލް ބީޗުގައި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކުރިން އެހެން އޮތްނަމަވެސް މި ސަރުކާރުން އެހެން ނަހަދާނެކަމަށާއި، އައްޑޫގެ ތަރައްޤީއަށް ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުތަކުން އައްޑޫއަށް ތަރައްޤީ ގެންނާނެކަމަށް ހަމައެކަނި ބުނެ، ޒިންމާ ހަވާލުވުމަށްފަހު އެކަން ހަނދާން ނައްތާލައެވެ. އެކަމާ ޚިލާފަށް، މި ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، ދާދިފަހުން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެތައް މަޝްރޫޢެއް ވަނީ ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި އައްޑޫއަށް ޓޫރިޒަމް ގެނައުމަށްޓަކައި ފަށާފައިވާ މުހިންމު މަސައްކަތްތައް ހިމެނެއެވެ.
މީގެއިތުރުން އައްޑޫގެ އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް، އައްޑޫގެ ވިޔަފާރިތަކަށާއި ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އައްޑޫގައި ވިޔަފާރިތަކަށް ދެވެން ހުރި ލުއިތައް ދިރާސާ ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި އައްޑޫގައި ކަސްޓަމްސް ޑިއުޓީ ފަދަ ކަންކަމަށް ދެވެން ހުރި ލުއިތައް ބެލުން ހިމެނޭ ކަމަށެވެ. އަދި ދާދި އަވަހަށް އައްޑޫގައި ރަނގަޅު ވިޔަފާރި ފުރުޞަތުތައް ޒުވާނުންނަށާއި ވިޔަފާރިވެރިންނަށް ފަހިކޮށްދީ، އެކަން އިއުލާން ކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްޤީ ހާސިލުކުރުމުގައި އެމަނިކްފާނު ގެންގުޅުއްވާ އެންމެ މުހިންމު ސިޔާސަތަކީ ހަމަހަމަކަން ކަމަވެވެ. އަދި ތަރައްޤީގެ މަސައްކަތްތައް ހަމައެކަނި ހިންގަންވީ މާލޭގައި ތޯ، ނުވަތަ ސިޓީތަކުގައި އެކަނި ތޯ ސުވާލު އުފެެއްދެވިއެވެ. "ހަމަހަމަކަން ނެތި ޤައުމަށް ތަރައްޤީއެއްވެސް ނާންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި 45 އަހަރު ތެރޭ އެއްވެސް ރައީސަކު ނުދާ ރަށްރަށަށްވެސް ވަޑައިގެންނެވުނު ކަމަށާއި ، އެފަދަ ރަށްރަށަކީ ހުރިހާ މާނައެއްގައި ސަރުކާރުތަކުން އިހުމާލުވެފައިވާ ރަށްރަށް ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކްފާނު އެކަމާ ހައިރާންވެ ވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެފަދަ އިހުމާލުވެފައިވާ ރަށްރަށާއި މާލެ އާއި އެމަނިކުފާނަށް ހަމަހަމަކަމަށް ވިދާޅުވިއެވެ.







