Thursday, November 5
ގޭންގު ކުށްތައް މިވަނީ 49 އިންސައްތަ މަދުކުރެވިފައި

ރާއްޖޭގައި ގޭންގުތަކާއި ގުޅުންހުރި ކުށްތައް، މިދިޔަ ފަސްއަހަރާއި އަޅާބަލާއިރު 49 އިންސައްތަ މަދުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުނު ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ބިދޭސީންގެ މައްސަލަތައް ޙައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަނީ ފަސޭހަ ގޮތްތައް އިޚުތިޔާރުކުރެއްވުމުގެ ބަދަލުގައި، ރަނގަޅު އަދި ހަރުދަނާ ގޮތްތައް އިޚުތިޔާރުކުރައްވައިގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޭންގު ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ވަރުގަދަ ގާނޫނުތަކެއް އެކުލަވާލައި، ބޮޑެތި ތައްޔާރީތައް ކުރިއަށްދާކަމަށެވެ. މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުން ކުށުގެ މާހައުލުން ދުރުކޮށް، އެނބުރި މުޖްތަމައުއަށް ގެނައުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކުށްތަކުން ދުރުކުރުމުގެ ގޮތުން، ކުރީގައި ކުށުގެ ވެށީގައި އުޅުނު މީހުންނަށް ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ހޯދައިދޭނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މިފަދަ ފުރުސަތުތައް ހޯދައިދިނުމަކީ އެމީހުން މުޖުތަމަޢުގެ ބައިވެރިންގެ ގޮތުގައި ހިމެނުމަށްޓަކައި ކުރާނެ މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހަރުކަށި ގާނޫނުތައް ހަދައިގެން ޒުވާނުން މިފަދަ ކަންކަމުން ދުރުކުރުމަށް މަސައްކަތްކުރަނީ، އެކުދިންވެސް މިފަދަ ކަންކަމުގައި އުޅެން ބޭނުންނުވާނެކަން ސަރުކާރަށް އެނގިލައްވާތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުނު ޖަލްސާގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. މި ޖަލްސާއަކީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު