އީ-ވިސާއާއި ބިދޭސީންގެ މަޢުލޫމާތު ދެނެގަނެވޭނެ އެޕްލިކޭޝަނެއް ލޯންޗްކުރުމަކީ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ބޮޑު ފަސޭހައެއް ކަމުގައި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފިއެވެ.
މަސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއެކު، އީ-ވިސާގެ ޚިދުމަތްތައް ތަޢާރަފް ކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ދެނެގަނެވޭނެ އެޕްލިކޭޝަނެއް ލޯންޗް ކުރުމަކީ އެ ސިނާއަތުގެ މަސައްކަތްތަކަށާއި، ހިންގުމުގެ ދާއިރާއާއި، ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ކަމަށެވެ. މަސީން ވަނީ އެކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ.
"އެއްވެސް ޝައްކެއް ނެތް ގޮތުގައި ބިދޭސީންގެ މަޢުލޫމާތު އެކުލެވޭ އަދި ފަސޭހައިން ކާކުކަން ދެނެގަނެވޭ އެޕްލިކެޝަނާއި، އީ-ވިސާގެ ނިޒާމަކީ ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ޤައުމަކަށް ނުހަނު ބޭނުންތެރި އަދި ކޮންމެހެން ބޭނުންވެފައިވާ ޚިދުމަތްތަކެއް"، މަސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މަސީން ބުނީ ބިދޭސީ މަސައްކަތްތެރިން ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވާ ސަމާލުކަމާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔަރޑް) އަޙުމަދު ފަސީޙާއި އިމިގްރޭޝަންގެ އޮފިސަރުން ކުރައްވާ މަސައްކަތްތަކާއި، ކަމާބެހޭ މުވައްޒަފުން ކުރައްވަމުން ގެންދަވާ ޚިދުމަތްތައް އެ އެސޯސިއޭޝަނުން ފާހަގަކުރަނީ މި މަސައްކަތުގައި ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދިނުމުގެ ޔަޤީންކަމާއެކު ކަމަށެވެ.
"މި އެސޯސިއޭޝަނުން ުއއްމީދުކުރަނީ އިމިގްރޭޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާއެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ބިދޭސީން ފިލުމާއި، ޤާނޫނާއި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރުމުގެ މައްސަލައަށް އެކަށީގެންވާ ހަެއްލެއް ލިބުމާއެކު ކޮންސްޓްރަކްޝަން މަސައްކަތްތައް ހިންގުން ފަސޭހަވެ މަސައްކަތްތަކަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމުގައި"، އެ ބަޔާނުގައި މަސީން ބުނެފައިވެއެވެ.




