އެމް.ޕީ.އެލް ޓަވަރެއްގެ އެޕާޓްމަންޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މި ތަކެތި ފެނިފައިވަނީ 2025 ނޮވެމްބަރ 09 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ރެސްޕޮންސް އެންޑް ޕެޓްރޯލް އިން ރެސްޕޮންޑްކުރުމަށްފަހު، މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު ކަމަށެވެ.
މިގޮތުން އެޕާޓްމަންޓް ބަލާފާސްކުރި އިރު، ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި، ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުޙައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މުޙައްމަދު ޖަޒުލާން އަޝްރަފު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުންނެވެ.





