ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2025 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދަން އިޢުލާންކޮށްފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ބިއުރޯގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2025" ގައި ހަރަކާތްތެރިވުމަށް 20 އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެމްބީއެސް އިން ބުނީ މި ސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި، ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެ ކަމަށެވެ. އަދި އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށާއި، ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 150ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން އެނިއުމަރޭޓަރުންނަށް ހޮވޭ ފަރާތްތަކަށް ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ އާއި، ފުޑް އެލަވަންސްގެ ގޮތުގައި ޖުމުލަ 300ރ. އަދި ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް 30ރ. ލިބޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ވީމާ، މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނޮވެންބަރު 17 ވަނަ ދުވަހުގެ 14:00ގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށް އެމްބީއެސް އިން ވަނީ އެދިފައެވެ.
އެމްބީއެސް އިން ބުނީ މި ސާރވޭއާ ބެހޭ އިތުރު މަޢުލޫމާތު 3008400 ނުވަތަ 3008408 އިން ލިބޭނެ ކަމަށެވެ.




