Saturday, November 14
އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ އާންމު ބައްދަލުވުމުގެ 26 ވަނަ ސެޝަންގެ ނައިބު ރައީސްކަމަށް ރާއްޖެ ހޮވިއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި މިހާރު ކުރިއަށްދާ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ 26 ވަނަ އާންމު ބައްދަލުވުމުގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިޚާބުވެއްޖެއެވެ.

އަދި ނައިބު ރައީސްގެ ހައިސިއްޔަތުން 9 ވަނަ ދުވަހު ބޭއްވި އާންމު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ.

މި އަހަރުގެ ސެޝަންގައި ރާއްޖެ ވަނީ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ "ވާރކިން ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް" ގައި ބައިވެރިވެފައިއެވެ. މި ގްރޫޕްގެ މައިގަނޑު މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމެވެ. އަދި މީގެ އިތުރުން، އިންޓަރ-އިންސްޓިޓިއުޝަނަލް ވާރކިންގ ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް އެކްޝަންގެ ވައިސް ޗެއަރ އަށް ވެސް ރާއްޖެ ވަނީ މި އަހަރުގެ އާންމު ބައްދަލުވުމުގައި އައްޔަނުކޮށްފައެވެ.

ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ އާންމު ބައްދަލުވުން މި އަހަރު ކުރިއަށް ދަނީ ނޮވެމްބަރު މަހުގެ 7 އިން 11 އަށެވެ. މި އަހަރުގެ ބައްދަލުވުމުގެ ޝިޢާރަކީ "އޭ.އައި. ޕަވަރޑް ޓޫރިޒަމް: ރީޑިފައިނިންގ ދަ ފިއުޗަރ"، މިއެވެ.

މި ބައްދަލުވުމުގައި އ.ދ. ގެ މެންބަރު ޤައުމުތަކާއި، އެފފިލިއޭޓް މެންބަރުންނާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުން ބައިވެރިވެއެވެ. މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު ޠާރިޤް އިބްރާހީމް ވަނީ އެކި ގައުމުތަކުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުންނާއި، ބައިނަލްއަގްވާމީ އެކި ޖަމިއްޔާގެ މަންދޫބުންނާއި ބައްދަލުކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު