Saturday, November 14
އެމްއެންޑީއެފް އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ކަމުގައިވާ "ގަން އެއަރ ސްޓޭޝަން" ޤާއިމުކޮށް، ޚިދުމަތް ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، "ގަން އެއަރ ސްޓޭޝަން" ގެ ނަންބޯޑު ކަޝްފުކޮށްދެއްވައި، "ގަން އެއަރ ސްޓޭޝަން"ގައި ޑިޕްލޯއީކުރި އެއަރ ސްކޮޑްރަންގެ ޕެނަންޓް، އެ ސްކޮޑްރަންގެ ކޮމާންޑަރ، އަދި އެއަރ ސްކޮޑްރަމް-2 ގެ ކޮމާންޑަރ މޭޖަރ ޙަސަން ދީދީއާ ހަވާލުކޮށްދެއްވާފައެވެ.

އެމްއެންޑީއެފް އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން އިފުތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމުން އެ މަނިކުފާނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ދިވެހި ސިފައިން ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

ގަން އެއަރ ސްޓޭޝަންގައި 400 މީޓަރުގެ ޓެކްސީވޭއަކާއި، 100 މީޓަރުގެ އެޕްރަނަކާއި، އެންމެ ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާ އެކު ހަދާފައިވާ ހެނގަރެއްގެ އިތުރުން ސިފައިން ތިބުމަށް އެކަމަޑޭޝަން ޤާއިމުކުރެވިފައިވެއެވެ. އެމްއެންޑީއެފް އެއަރ ކޯރގެ ޓީބީ-2 އެއަރކްރާފްޓްތައް އުދުހުމަށް ޚާއްޞަ ވެފައިވާ އެއަރ ސްކޮޑްރަން-2 ގެ މި އެއަރ ސްޓޭޝަން ފަރުމާކުރެވިފައިވަނީ، ކުރިމަގުގައި ދިވެހި އަސްކަރިއްޔާގެ ވައިގެބާރު ފުޅާވަމުންދާ ވަރަކަށް، ތަރައްޤީކުރެވޭ ގޮތަށެވެ.

މި ރަސްމިއްޔާތަށް ފަހު، ގަން އެއަރ ސްޓޭޝަންގެ އޮޕަރޭޝަން ރޫމާއި، ސިމިއުލޭޓަރ ރޫމް ރައީސް ވަނީ ބައްލަވާލައްވާފައެވެ.

ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރެއް އުފައްދަވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރައްވާފައިވަނީ 2024 މާރިޗު 15 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު