Saturday, November 14
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށައިފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ސީޓީ ސްކޭނުގެ ޚިދުމަތަކީ ބައެއް ބަލިތައް ދެނެގަތުމަށާއި ބައެއް ޙާލަތްތައް މޮނިޓަރ ކުރުމަށް ބޭނުން ކުރެވޭ މުހިއްމު ވަސީލަތެކެވެ. އެގޮތުން ސްޓްރޯކް ޖެހިގެން ގެނެވޭ ބަލިމީހުން އަވަހަށް ދެނެގަނެވި، ބޭނުންވާ ފަރުވާ އަވަހަށް ފެށުމުގެ ފުރުސަތު ލިބިދެއެވެ.

ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލްގައި ސީޓީ ސްކޭނުގެ ޚިދުމަތް ތަޢާރަފު ކުރުމާއިއެކު ސްޓްރޯކް ޕްރޮޓަކޯލް ވަނީ ޤާއިމު ކުރެވިފައެވެ. މިޕްރޮޓަކޯލުގެ ސަބަބުން، ސްޓްރޯކް ޖެހިގެން ހޮސްޕިޓަލަށް ގެނެވޭ މީހުންގެ ސީޓީ ސްކޭން 20 މިނެޓް ތެރޭގައި ހެދި، ސްޓްރޯކުގެ ބާވަތް ދެނެގަނެވި، އޭގެތެރެއިން ތުރޮމްބޮލައިސް ކުރަން ޖެހޭ ފަރާތްތަކަށް ވަގުތުން ދޭންޖެހޭ ފަރުވާ ފެށޭނެއެވެ.

އަދި ރިފަރ ކުރަންޖެހޭ ފަދަ ޙާލަތްތަކުގައި ރިފަރ ކުރެވުނު ކަމުގައި ވީނަމަވެސް އެފަދަ ބަލިމީހުން ރިފަރ ކުރެވޭނީ ސީޓީ ސްކޭން ހެދުމަށް ފަހު ބަލި ދެނެގަނެވި އަދި ތުރޮމްބޮލައިޒް ކުރެވިގެން ނުވަތަ ވަގުތުން ދޭންޖެހޭ ފަރުވާތައް ދިނުމަށްފަހު ކަމަށް ވާތީވެ، ބަލިމީހާގެ ފުރާނައަށް ކުރިމަތިވެދާނެ ނުރައްކާ ކުޑަކުރެވި، ބަލީގެ ސަބަބުން ލިބިދާނެ ދާއިމީ ނުކުޅެދުންތެރިކަން ކުޑަކުރެވޭ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު