ދުންފަތުގެ އިސްތިއުމާލުކުރުމަކީ މުޅި ދުނިޔޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. މިއީ ހަމައެކަނި ފަރުދީ މައްސަލައަކަށްވުރެ ބޮޑަށް، އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިއްހީ ގޮތުން ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ވަބާއެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހާމަކުރާ ގޮތުގައި، އަހަރަކު 8 މިލިއަނަށްވުރެ ގިނަ މީހުން ދުންފަތުގެ ސަބަބުން މަރުވެއެވެ. މީގެ ތެރެއިން 7 މިލިއަނަށްވުރެ ގިނަ މީހުން މަރުވަނީ ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކަމަށްވާއިރު، ގާތްގަނޑަކަށް 1.3 މިލިއަން މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ނުކޮށް، ދުމަށް ހުށަހެޅޭ (ސެކަންޑަރީ ސްމޯކަރުންގެ) ގޮތުގައެވެ. މިއީ ދުންފަތުގެ ނުރައްކާ އެހެން މީހުންނަށްވެސް ފޯރާކަން ހާމަކޮށްދޭ ހެއްކެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ނޭވާލާ ނިޒާމުގެ ދިގުދެމިގެންދާ ބަލިތައް ފަދަ ނުރައްކާތެރި ބަލިތައް ކުރިމަތިކުރުވާކަމީ މިޒަމާނުގެ ސައިންސްގެ އެހީގައި ބުނެދޭ ހަގީގަތެވެ. މިއީ ހުއްޓުވޭނެ ބަލިމަޑުކަމެއް ނަމަވެސް، ދުންފަތުގައި ހިމެނޭ ދެވިހިފާ މާއްދާތަކުގެ ސަބަބުން އެކަން ހުއްޓާލުމަކީ ގޮންޖެހުމަކަށް ގިނަމީހުންނަށް އޮންނަނީ ވެފައެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު ސްޓެޕްސް ސާވޭއިން ދައްކާ ގޮތުގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އަދި ޒުވާން ޖީލުގެ ތެރޭގައި މި ނުރައްކާ އިތުރެވެ، ސްކޫލު އުމުރުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދިން ދުންފަތުގެ ބާވަތެއް ބޭނުންކުރާކަން ސާވޭތަކުން ދައްކައެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި އެތައް ހާސް ބަޔަކު ކެންސަރާއި، ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާފައިވާއިރު، މި ބަލިތަކުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުންފަތް ހިމެނެއެވެ.
ދިވެހިރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ދުންފަތާއި ދެކޮޅަށް އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ކުރަމުން އައިކަމަށް ބަލަމާ ހިނގާށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ މާކަ އެދެވޭ ނަތީޖާތަކެއް ނެރެވުނު މަސައްކަތެއް ގޮތުގައި ބެލެވޭކަށްނެތެވެ. އެއީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ނިސްބަތުގެ މަތިކަމުންނެވެ.
ކުރިން ދުންފަތާއި ދެކޮޅަށް ސަރުކާރުތަކުން ކުރާ މަސައްކަތްތަކީ ހަމައެކަނި ރަސްމިއްޔާތެއްގައި ދައްކާލާ ވާހަކައެއްގެ ގޮތުގައި އޮތް ކަމެކެވެ.މިސާލަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިއްޙީ ގިނަ ނުރައްކާ އޮތްކަމަށްބުނެ ދުންފަތާ ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ. އެއީ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައެވެ. އެމަނިކްފާނު ދުންފަތާއި ދެކޮޅަށް އިތުރު ފިޔަވަޅެއް ނާޅުއްވައެވެ.
ނަމަވެސް، 2023 ވަނަ އަހަރު ފެށުނު ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެނުނީ ދުންފަތާއި ދެކޮޅަށް އިއުލާންކުރި ވަރުގަދަ ހަނގުރާމައެއްގެ ގޮތުގައެވެ. ވެރިކަމުގެ ފުރަތަމަކޮޅު އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާއި، ވޭޕް އެތެރެކުރުން މަނާކުރުން ހިމެނެއެވެ.
ސިނގިރޭޓުގެ އަގު އިންތިހާއަށް ބޮޑުވެގެން މި ފިޔަވަޅުތަކަށް ގިނަ ފާޑުކިއުންތައް އަމާޒުވި ނަމަވެސް، ސަރުކާރުން ވަނީ ފަސްއެނބުރި ބެލުމެއްނެތި ކުރިއަށް ގޮސްފައެވެ. ދުންފަތުން ލިބޭ ޑިއުޓީ މަދުވުމުން އެމަނިކްފާނު ވިދާޅުވީ އެކަމުން ދައުލަތަށް ފާއިސާ ބޭނުންނުވާކަމަށެވެ. ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށްވެސް އިލްތިމާސްކުރެއްވީ އެހެން ވިޔަފާރިތައް ކުރުމަށެވެ.
މި ސަރުކާރުން ދުންފަތާއި ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ސިޔާސީ އެއްވެސް ފައިދާއެއް ނެތް ކަމެއްކަން އެންމެން އެއްބަސްވެއެވެ. ނަމަވެސް އެއީ ދިގު މުއްދަތުގައި ރައްޔިތުންގެ ސިއްހަތަށްޓަކައި ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ. މިހާރުވެސް ގާނޫނުތަކަށް ބަދަލު ގެނެސް އިތުރު ފިޔަވަޅުތައް ދަނީ އަޅުއްވަމުންނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދަކީ އެންމެ ހާއްޞަ ތާރީޚީ ދުވަހެވެ. އެއީ ޖެނެރޭޝަނަލް ބޭންގެ ޤާނޫނަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާތީ އެވެ. މިއީ ޖެނުއަރީ 1، 2007، ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތް ބޭނުން ކުރުން މަނާކުރާ ޤާނޫނެކެވެ.
މި ޤާނޫނުގެ ދަށުން، އެ ކުދިންނަށް ދުންފަތް ވިއްކުމާއި، އިސްތިހާރު ކުރުމާއި، ދިނުން ވެސް މަނާ ވާނެ އެވެ. ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، ދުންފަތް ވިއްކާ ފަރާތްތަކުން، ގަންނަ ފަރާތަކީ ޖެނުއަރީ 1، 2007، ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރު ކުރުމަކީ ޒިންމާއެކެވެ. ޝައްކު ކުރެވޭ ނަމަ، އައިޑީކާޑު ދައްކަން އެންގުމުގެ ބާރު ވިއްކާ ފަރާތަށް ލިބިގެންވެ އެވެ.
ދުންފަތުގެ ނުރައްކަލަކީ މުޅި ދުނިޔޭގައިވެސް އަދި ދިވެހިރާއްޖޭގައިވެސް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. ޚާއްޞަކޮށް ޒުވާން ޖީލު ދުންފަތުގެ ބާވަތްތައް ބޭނުންކުރުން އިތުރުވުމަކީ ޤައުމުގެ މުސްތަޤްބަލުގެ ސިއްހީ ހާލަތު އިތުރަށް ގޯސްވާނެ ކަމުގެ ވަރަށް ނުރައްކާ ނިޝާނެކެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ސަރުކާރުން މިހާރު އަޅާފައިވާ ވަރުގަދަ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އެކަމުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެކެވެ. އެއީ ސަރުކާރެއްގެ ހަޤީޤީ ޒިންމާ އަދާކުރަނީއެވެ. ޖެނެރޭޝަނަލް ބޭން އަކީ ދުންފަތާއި ދުރު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ރާއްޖޭގައި މިހައިތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ.





