Thursday, November 5
މިއަދު ހަވީރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފި

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ރަސްމީކޮށް ހުއްދަކޮށްފި އެވެ. މިކަން ހުއްދަކުރީ މަސްވެރިކަމާ ބެހޭ އާންމު ގަވާއިދަށް ގެނައި ބަދަލަކަށް ފަހުގަ އެވެ. މި ބަދަލާއެކު، ގަވާއިދު މިއަދު ވަނީ ގެޒެޓުކޮށް، އަމަލު ކުރަން ފަށާފަ އެވެ.

މި ގަވާއިދު އަމަލުކުރަން ފެށުމުގެ ކުރިން، މިޔަރުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ބޭނުމާއި ހިފުމާއި މެރުމަކީ މަނާކަމެކެވެ. ނަމަވެސް، މިހާރު ގެނެވުނު ބަދަލުގެ ސަބަބުން ކަށިމިޔަރު އާއިލާގެ ބާވަތްތައް ބޭނުންކުރުން މިހާރު ވަނީ ހުއްދަވެފަ އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރައްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު އިޢުލާނު ކުރެއްވީ  އޯގަސްޓު 26 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި މަސްވެރިކަން ހުއްދަކުރުމަށްޓަކައި މެނޭޖްމަންޓު ޕްލޭނެއް ޑްރާފްޓުކޮށް ނިމިފައިވާ ކަމަށެވެ.

މި ބަދަލާއެކު މަސްވެރިކަމުގެ ސިނާއަތަށް އަލަށް ވަދެ، ކަށިމިޔަރުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވިފަ އެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އިތުރު އާމްދަނީއެއް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.

ސަރުކާރުން މި ބަދަލު ގެންނާނެކަން އިއުލާން ކުރުމުން ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުގެ ފާޑުކިއުން އޮތީ އަމާޒުވެފައެވެ. އަދި ބައެއް އަމިއްލަ ޖަމްއިއްޔާތައް ގުޅިގެން މިކަން ހުއްޓުވުމަށްވެސް މަސައްކަތްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު