ރާއްޖޭގައި 'ޖެނެރޭޝަނަލް ބޭން' (ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން، 24 ގަޑިއިރުގެ ދުވުމެއް މިއަދު ފަށައިފި އެވެ. މި ދުވުން ކުރިއަށްދާނީ މާލޭގެ އެކުވެނި ޓްރެކްގައި، މިއަދު ހަވީރު 4:00 އިން ފެށިގެން މާދަމާ ހަވީރު 4:00 އާ ހަމައަށެވެ.
މި ދުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިއުމަތް ކަމަށާއި، އެ ނިއުމަތަށް ޝުކުރުވެރިވުމަކީ އެކަމަށް އިހުމާލު ނުވެ، ރައްކާތެރިވުން ކަމަށެވެ. "ސަލާމަތް ސިއްހަތެއްގައި ހުރުމަކީ ދިރިހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންޖެހޭ،" ނާޒިމް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ދާއިރާގެ ސިޔާސަތަކީ ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް އަދި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ. އަދި ރާއްޖޭގައި ދިމާވާ ގިނަ ސިއްހީ މައްސަލަތައް ގުޅިފައިވަނީ ސިއްހަތާ ބީރައްޓެހި އާދަތަކާ ކަމަށްވުމާއެކު، ދުޅަހެޔޮ އާދަތަކަށް އާއްމުން އަހުލުވެރިކުރުވުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު، ޕޭޑެން ވަނީ ދުންފަތުން ދިވެހިން ސަލާމަތްކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުން އަދި އިސްތިހާރުކުރުން މަނާކުރުން ހިމެނެ އެވެ. އޭނާ ވަނީ މިކަމަށް އެއްބާރުލުންދީ، ދުންފަތުން ސަލާމަތްވެފައިވާ ގައުމަކަށް ރާއްޖެ ހަދައި އެކަން ކާމިޔާބުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޖެނެރޭޝަނަލް ބޭންގެ ޤާނޫނަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ. މިއީ ޖެނުއަރީ 1، 2007، ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތް ބޭނުން ކުރުން މަނާކުރާ ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން، އެ ކުދިންނަށް ދުންފަތް ވިއްކުމާއި، އިސްތިހާރު ކުރުމާއި، ދިނުން ވެސް މަނާ ވާނެ އެވެ. ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، ދުންފަތް ވިއްކާ ފަރާތްތަކުން، ގަންނަ ފަރާތަކީ ޖެނުއަރީ 1، 2007، ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރު ކުރުމަކީ ޒިންމާއެކެވެ. ޝައްކު ކުރެވޭ ނަމަ، އައިޑީކާޑު ދައްކަން އެންގުމުގެ ބާރު ވިއްކާ ފަރާތަށް ލިބިގެންވެ އެވެ.
މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ އިން ދައްކާގޮތުގައި، ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. އަދި 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާގޮތުގައި ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާވަތެއް ބޭނުން ކުރެ އެވެ. މިފަދަ ހިތާމަވެރި ހާލަތެއްގައި، ޖެނެރޭޝަނަލް ބޭން ޤާނޫނަށް އަމަލުކުރަން ފެށުމަކީ ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ.






