Thursday, November 5
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ހޯރަފުށިން ހާއްސަ އެވޯޑެއް

އެމްޑީޕީގެ ވެރިކަމުގައި ހއ. ހޯރަފުށީގެ ތަރައްގީއަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އެ ރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހާއްސަ އެވޯޑެއް އަރުވައިފި އެވެ. މި އެވޯޑު އެރުވީ ހޯރަފުށި ދުވަސް ފާހަގަކުރުމަށް ރޭ އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ.

ރައީސް ސޯލިހުއަށް އެރުވީ ހޯރަފުށީގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސިރީ ނަވަރަންނަ އައްޑަނަ އެވޯޑެވެ. މި އެވޯޑު އެމަނިކުފާނަށް އަރުވައިދެއްވީ ހޯރަފުށި ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދު އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވީ، ރައީސް ސޯލިހުއަކީ ހޯރަފުށީގެ ބާނީ އަދި އެ ރަށު ތަރައްގީގެ ހަގީގީ "ކިންގު" ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ވެރިކަމުގައި އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތައް ފެށި ހޯރަފުށި ވަނީ ބޮޑު ބަދަލަކާ ކުރިމަތިލާފަ އެވެ.

ވަހީދު ވިދާޅުވީ، "މަނިކުފާނުގެ ވެރިކަމުގައި މި ރަށް ދިޔައީ ތިޔާގިވެ ކުރިއަރައިގެން، ވަޒީފާގެ ދޮރުކޮޅުތައް އިންތިހާއަށް ހުޅުވިގެން، ތަރައްގީ އާއި ތަމައްދުންގައި މި ރަށް ދިޔައީ ރޯޝަންވެ އުޖާލާވެގެން، އާދެ! ލޮބުވެތި ރައީސް، ހޯރަފުށީގެ މުސްތަގުބަލަށްޓަކައި މަނިކުފާނު ގެނެސްދެއްވި ބިޔަ މަޝްރޫއުތަކުގެ ހަގީގީ ތަރައްގީގެ އަގުވަޒަން ކުރާނެ ގޮތެއް ނެތް،"

ހޯރަފުށި ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި، ރަށަށް އެކި ދާއިރާތަކުން ހިދުމަތްކޮށްދިން އަދި މަތީ ވަނަތައް ހާސިލުކުރި ހޯރަފުށީ ރައްޔިތުންނަށް ވެސް ވަނީ އިނާމު ދީފަ އެވެ. ހޯރަފުށި ރަށްވެހިންގެ އަގުވަޒަން ކުރުމުގެ ގޮތުން މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު