ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމުގައި ހުރިއިރު އެ ޖަމިއްޔާގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވެ ބައްސާމް އަދީލްގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. މި ހުކުމާ އެކު އޭނާ ވަނީ 154،000ރ. އިން ޖޫރިމަނާވެސް ކޮށްފައެވެ.
ބައްސާމްގެ މައްޗަށް މިހާރު ސާބިތުވެފައިވާ ދެ ދައުވާއާ ގުޅިގެން ޖުމްލަ ނުވަ އަހަރުގެ ޖަލު ހުކުމް ވަނީ އިއްވާފަ އެވެ. މީގެ ކުރިން، މި މައްސަލައާ ގުޅިގެން ހިޔާނާތްތެރިވުމުގެ ދައުވާގައި އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް މި މަހުގެ 8 ވަނަ ދުވަހު އިއްވާފައިވެ އެވެ. މިއަދު ސާބިތުވީ އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ އެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރަށް (154،000ރ.) ބައްސާމް ހިޔާނާތްތެރިވި ކަމުގެ މައްސަލަ އެވެ. ބައްސާމްގެ އަމިއްލަ އެކައުންޓަށް އެ ފައިސާ ޖަމާކުރީ ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެންނެވެ. ދައުލަތުން ބުނި ގޮތުގައި އެ ފައިސާ މާރުކުރުމުގެ ބަދަލުގައި ބައްސާމް ބޭނުންކުރީ އޭނާގެ ރެހެންދި ފްލެޓަށް ކުލި ދެއްކުމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމްގައި ވަނީ، ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމުން އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ހިޔާނާތުގެ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށެވެ. އަދި އެ ފައިސާ ބައްސާމް އަމިއްލަ ހަރުދަތަކަށާއި އެހެން މީހުންނަށް ހަރަދުކުރުމަށް ބޭނުންކޮށްފައިވާ ކަން ވެސް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށް ހުކުމްގައިވެ އެވެ. އެހެންކަމުން، މަނީލޯންޑަރިންގެ ކުށުގައި ސާބިތުކުރަން ޖެހޭ ހުރިހާ ރުކުންތައް ސާބިތުވެފައިވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
އަދަބު ކަނޑައެޅުމުގެ މަރުހަލާގައި ދައުލަތުން އެދުނީ އެންމެ ބޮޑު އަދަބު ކަމަށްވާ 15 އަހަރަށް ޖަލަށްލުމަށާއި 50،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ނަމަވެސް، ބައްސާމްގެ ފަރާތުން އެދުނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން އެންމެ ކުޑަ އަދަބު ދިނުމަށެވެ. މިކަންކަމަށް ރިއާޔަތްކުރުމަށް ފަހު ގާޒީ އިއްވެވީ ފަސް އަހަރަށް ޖަލަށްލުމަށާއި، ލޯންޑާކުރި އަދަދު ކަމަށްވާ 154،000ރ. އިން ޖޫރިމަނާކުރުމަށެވެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.
މީގެ އިތުރުން، ލޯންޑާކުރި 10،000 ޑޮލަރު ބައްސާމްގެ އަތުން ނަގައިދިނުމަށް ދައުލަތުން އެދުނު ނަމަވެސް، އެ ފައިސާ އޭނާގެ އެކައުންޓްގައި ހުރިކަން ދައުލަތަށް ޔަގީންކޮށްދެވިފައިނުވާތީ، ގާނޫނުގައިވާ ގޮތުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ވަކިން ކުރިއަށްދާއިރު، އެ މައްސަލަތަކާ ގުޅިގެން އޭނާ ގަނެފައިވާ ޕެންޓްހައުސްއެއް ދައުލަތަށް ނެގުމަށް ވެސް އެދިފައިވެ އެވެ.





