ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއްގައި އަދާވަތްތެރިންނާއި އެ މައްސަލައެއްގައި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ނުނެގޭ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި މިހާރު އޮތް މާއްދާ އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ. ހެއްކާ ބެހޭ އުސޫލުތައް ބަޔާންކޮށް 2022 ވަނަ އަހަރު ފާސްކުރި ގާނޫނަށް ބައެއް ބަދަލުތައް ގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. މި ބިލުގެ ދަށުން ގާނޫނުގެ ހަތަރު މާއްދާއެއް އުވާލުމަށް ވަނީ ހުށަހަޅާފަ އެވެ.
އުވާލަން ހުށަހަޅާފައިވާ މާއްދާތަކުގެ ތެރެއިން އެއް މާއްދާއަކީ ހެއްކާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާ އެވެ. މި މާއްދާގައި ބުނެފައިވަނީ ހެކިބަސް ދޭ މީހާއަކީ މައްސަލައިގެ ހަސްމަކާ ފުށުއަރާ މަސްލަހަތެއް އޮތް ނުވަތަ މައްސަލައިގެ ހަސްމަކާ އަދާވާތްތެރިކަމެއް އޮތް މީހަކު ކަމުގައިވާ ނަމަ، އެ މައްސަލައެއްގައި އެ މީހެއްގެ ހެކިބަސް ނަގައިގެން ނުވާނެ ކަމަށެވެ. މި މާއްދާ އުވާލުމާ އެކު، މަސްލަހަތު ފުށުއަރާ މީހުންނާއި އަދާވަތްތެރިންގެ ހެކިބަސް ވެސް ޝަރީއަތަށް ބަލައިގަތުމުގެ ފުރުސަތު އޮންނާނެ އެވެ.
މިފަދަ ހެކިންގެ ހެކިބަސް ބަލައިގަތުމަށް ގާނޫނުން މަނާވެފައިވާ އޮތް ދޮރު އާ އިސްލާހާ އެކު ހުޅުވިގެންދާއިރު، ކޯޓުތަކުން މިކަމުގައި އަމަލުކުރާނެ އުސޫލުތައް ހުކުމްތަކުން ކަނޑައަޅާނެ ކަަމަށް ބެލެވެ އެވެ. ފާސިގުންގެ ހެކިބަސް ބަލައިގަތުމާ ގުޅޭ ގޮތުން ވެސް ސުޕްރީމް ކޯޓުން މީގެ ކުރިން އުސޫލުތައް ކަނޑައަޅާފައި ވެ އެވެ. ނަމަވެސް، މި އިސްލާހުގެ ދަށުން މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ބަލައިގަތުމުގައި ޢަމަލުކުރާނެ ވަކި އުސޫލުތަކެއް ގާނޫނުގައި ހިމަނާފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި އުވާލަން ކަނޑައަޅާފައިވާ އަނެއް މާއްދާއަކީ ގާނޫނުގެ 75 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ އެހެން މީހެއްގެ ހައްގަކާ ބެހޭ ގޮތުން މަރު ބަލީގައިވާ މީހަކު ވާ އިގްރާރަކީ، ސައްހަ އިގްރާރެއް ކަމުގައި ބެލޭނެ ކަމަށެވެ. މި މާއްދާ އުވާލުމުން އޭގެ ނަތީޖާއަކަށް ވާނީ މަރު ބަލީގައި މީހުންވާ އިގުރާރު ޝަރީއަތުން ބަލައިނުގަތުމެވެ. މި އިސްލާހުތަކުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާނެ އެވެ.







