ޣައްޒާއާ ދެކޮޅަށް އިސްރާއީލު ކުރަމުންދިޔަ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ގޮންޖެހުމަށްފަހު، އިސްރާއީލުން ވަރަށް ވަރުގަދަ ހަމަލާތަކެއް ޣައްޒާގެ ތަންތަނަށްދީ، އާންމުންގެ 41 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުނިގޮތުގައި އިސްރާއީލުން ރޭ ޣައްޒާގެ ރަފްހު، ޚާން ޔޫނުސް އަދި މަވާސީއަށް ވައިގެމަގުންނާއި ކަނޑުގެ މަގުން ގިނަ ހަމަލާތަކެއް ދީފައިވެއެވެ. މި ހަމަލާތަކުގައި 41 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 50 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި 17 ކުޑަކުދިން ހިމެނެއެވެ.
މިފަހަރުގެ ހަމަލާތައް ފާހަގަވެގެން ދަނީ، ޣައްޒާގެ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ދިން އެންމެ ވަރުގަދަ އަދި އެއްވަގުތެއްގައި ދިން އެންމެ ގިނަ ހަމަލާތަކުގެ ގޮތުގައެވެ. މީގެކުރިންވެސް އިސްރާއީލުން ހަމަލާތަކެއް ދީފައިވީ ނަމަވެސް، މި މިންވަރަށް އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުން މި ހަމަލާތަކަކީ ނަތަންޔާހޫގެ ސީދާ އެންގުމަށް އިސްރާއީލު ސިފައިން ދިން ވަރަށް ވަރުގަދަ ހަމަލާތަކެކެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މި ހަމަލާތައް ދީ އެއްބަސްވުމާ ޚިލާފުވުމުގެ މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫގެ ފަރާތުން، މި ހަމަލާތަކަށް އެމެރިކާ އަމަލުކުރާ ގޮތެއްގެ އަޖުމަ ބަލާލުމެވެ. އެމެރިކާ މިކަމަށް އަޅައިނުލައިފިނަމަ، ނަތަންޔާހޫގެ ބޭނުމަކީ މިފަދަ ހަމަލާތައް ތަކުރާރުކޮށް ޣައްޒާގެ އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު މެރުންކަމަށް، ނަތަންޔާހޫގެ ސުލޫކާއި އޭނާގެ ސިޔާސަތު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަނެއް ބޭނުމަކީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއެކުވެސް އިސްރާއީލުގެ ގަދަބާރު ދައްކާލައި، އެއްބަސްވުމެއް އޮތަސް އިސްރާއީލު ބޭނުންކަމެއް ކުރާނެކަން ދުނިޔެއަށް ހާމަކުރުން ކަމަށްވެސް މިފަރާތްތައް ދެކެއެވެ.
މި ހަމަލާތައް ދިނުމުގެ ކުރިން އިސްރާއީލުވަނީ ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ އަސީރުންގެ ތެރެއިން އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވާ އަސީރުންގެ ހަށިތައް ހަވާލުކުރުމުގައި ހަމާސްއިން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ ބަހަނާތަކެއް ދައްކާފައެވެ. އިސްރާއީލުގެ މަސްއޫލުވެރިން ވަނީ އަސީރުންގެ ހަށިތައް ހަވާލުކުރުން ލަސްކުރަމުންދާކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އަދި ހަވާލުކުރި އަސީރެއްގެ ހަށިގަނޑު އޭނާގެ ޑީއެންއޭއާ ދިމާނުވާކަމަށްވެސް ބުނެ ހަމާސްއަށް އިންޒާރު ދީފައިވެއެވެ.
މިކަމާ ގުޅިގެން ހަމާސްއިން ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި މަރާލާފައިވާ އިސްރާއީލުގެ އަސީރުންގެ ބައެއް ހަށިތައް ހަވާލުކުރުން ލަސްވަނީ އެ ހަށިތައް އިމާރާތްތަކާއި ބިންގަރާސްތަކުގެ ކޮންކްރީޓްތަކުގެ ދަށުގައި ވަޅުލެވިފައިވާތީ، ކޮންކްރީޓްތައް ނަގާނެ އާލާތްތަކާއި ސާމާނު އެޖަމާއަތުގެ އަތުގައި ނެތުމުގެ ސަބަބުންނެވެ. ހަމާސްގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވަނީ ސާމާނު ފޯރުކޮށް ދެނިކޮށް މި ޕްރޮސެސް އަވަސްވާނެކަމަށެވެ. އަދި ޑީއެންއޭއާ ދިމާނުވި ހަށިގަނޑުގެ މައްސަލަ ބަލާނެކަމަށްވެސް ހަމާސްއިން ބުނެފައިވެއެވެ. ހަމާސްއިން މިހާތަނަށްވަނީ އިސްރާއީލުން މަރާލާފައިވާ އިސްރާއީލުގެ އަސީރުންގެ އެތައް ބައެއްގެ ހަށިތައް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ރެޑްކްރޮސް މެދުވެރިކޮށް އިސްރާއީލާ ހަވާލުކޮށްފައެވެ. ބާކީ ހަވާލުނުކުރެވި އޮތީ މަދު މީހެއްގެ ހަށިތަކެވެ.





