ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ގައުމީ ބޭންކް، ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" މިއަދު ތައާރަފުކޮށްފި އެވެ. މި ޑިޖިޓަލް ވޮލެޓް އިފްތިތާހުކޮށްދެއްވީ އެ ބޭންކުން މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ބީއެމްއެލް އިން ބުނީ އެ ވޮލެޓަކީ ދިވެހި ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު، ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގޭނެ ވަސީލަތެއް ކަމަށެވެ. އަދި އެއީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް، ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭނެ އިންޓަނޭޝަނަލް ވޮލެޓެއް ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލް އިން އިތުރަށް ހާމަކުރި ގޮތުގައި، މި ވޮލެޓްގެ ސަބަބުން ހަރަދު ކުޑަކޮށް، ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދީ އަދި ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައް ވެސް ކުޑަކޮށްދޭނެ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަންގައި ބުނި ގޮތުގައި، އެ ވޮލެޓް މެދުވެރިކޮށް އެއްވެސް ފީއަކާނުލައި، ކޮންމެ ގައުމަކުން ވެސް ވަގުތުން ފައިސާ ލިބޭނެ އެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ބޭރު ގައުމުތަކަށް ވިއްކުމަށް އެހީތެރިވެދޭނެ މި ވޮލެޓަކީ 100 ޕަސެންޓް ދިވެހި އުފެއްދުމެކެވެ. އެއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރުގެ އުފެއްދުމެކެވެ.
ބީއެމްްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފޮރެކްސް އަދި ޓްރޭޑިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެ ފަސޭހަގޮތްތައް ހަމަޖައްސައިދިނުމަކީ ރައީސް މުއިއްޒުގެ ވައުދަކަށް ވާތީ، އެކަން ކުރިއަށް ގެންދިއުމަށް އެ ބޭންކުން އިކޮނޮމިކް މިނިސްޓްރީއާ އެކު މި އަހަރު ކުރީކޮޅުން ފަށައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "އަޅުގަނޑުމެންގެ ސީޓީއޯގެ ބެއްލެވުމުގެ ދަށުން ބޭންކުގެ ޓެކްނޮލޮޖީގެ ޓީމްގެ ތެރެއަށް ރާއްޖޭގައި ތިބި ޓެކްނޮލޮޖީއަށް މޮޅު ޒުވާނުން ގެނެސް، ޓީމެއް އެކުލަވާލައި، މީގެ 12 މަސްދުވަސް ކުރިން އަޅުގަނޑުމެން މަސައްކަތް ފެށިން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެ މަސައްކަތުގެ ނަތީޖާއަކީ މިއަދު ތައާރަފުކުރި އެ ބޭންކްގެ އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ވޮލެޓްގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ. މި ވޮލެޓްގެ ސަބަބުން ލިބޭނެ ފައިދާތަކަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ، "އެއާ އެކު، ރާއްޖޭގެ ހުނަރުވެރިންގެ މަސައްކަތްތަކަށް ބޭރުން ލިބެން ޖެހޭ ފައިސާ އެއްވެސް އިތުރު ޗާޖަކާއި ނުލައި ވަގުތުން ލިބޭނެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ރާއްޖޭގެ ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެން ދާނެ. ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމަށް އިތުރަށް ފަސޭހަ ވާނެ. ވިޔަފާރިވެރިންނަށް ވަގުތުން ފައިސާ ލިބޭނެ،" މިފަދަ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.




