Thursday, November 5
ޖޭއެސްސީގެ ރައީސަކަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަލަށް ކަނޑައެޅުއްވި މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރިކް، އެ ކޮމިޝަނުގެ ރައީސް ކަމަށް މިއަދު އިންތިހާބުކޮށްފި އެވެ. ހުސްނީ އަކީ މަޖިލީހުގެ މެމްބަރުން ތަމްސީލުކުރާ ގޮނޑިއަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.

ޖޭއެސްސީން ބުނީ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނުގެ ރައީސަކު ހޮވުމަށްޓަކާ މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ މެދުގައި ނެގުނު ވޯޓުން އެ މަގާމަށް ހުސްނީ އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ. ހުސްނީ އަށް އެ މަގާމުގެ ފަތްކޮޅު އެރުވީ ވެސް މިއަދު އެވެ.

ހުސްނީ މުބާރިކް ޖޭއެސްސީއަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހުސްނީ ވަނީ ޖޭއެސްސީއަށް އައްޔަން ކުރެއްވުމުގެ ކުރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނަވައިފަ އެވެ. ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމާއެކު އޭނާ ވަނީ ޖުޑީޝަރީ ކޮމިޓީން އިސްތިއުފާ ދެއްވައިފަ އެވެ.

ޖޭއެސްސީގެ އިސް މަގާމުތަކަށް ބަދަލުތަކެއް އައިސްފައިވާއިރު، ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ދާދިފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންކަމުން، ނައިބު ރައީސަކަށް އިންތިހާބުކުރީ ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޔަޒްމީދު މުހައްމަދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު