Thursday, November 5
14 ފަރާތަކަށް ލިބުނު ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކައިދެނީ

ރާއްޖޭގެ ޒަކާތު ހައުސްއިން މިއަދު  ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 14 މީހަކަށް ލިބިފައިވާ ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކައިދިނުމަށް ނިންމައިފިއެވެ. މިކަމަށްޓަކައި ޖުމްލަ 340،000 ރުފިޔާ ޚަރަދުކުރަން ނިންމާފައިވާއިރު، މި ފައިސާ ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށެވެ.

ޒަކާތު ހައުސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް ސަރުކާރުން ދޭ ފުލެޓަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ފާހަގަކުރެވުނެވެ. އެހެންކަމުން، އެކަން ޒަކާތު ކައުންސިލަށް ހުށަހަޅައިގެން މަޝްވަރާކުރުމަށްފަހު، އެފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ޒަކާތު ފަންޑުން މި އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ، އިސްލާމީ ޝަރީޢަތުގެ އަލީގައެވެ.

ޒަކާތު ހައުސްގެ މަގުސަދަކީ ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ޑައުންޕޭމަންޓް ދެއްކުމަށްފަހު، އެމީހުންގެ ދިރިއުޅުމުގެ ޙާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ޒަކާތު ހައުސް އިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރުފު ކުރުމަށް ޒަކާތު ހައުސްއިން ދަނީ މަސައްކަތްކުރަމުންނެވެ. މި ކާޑު ތަޢާރަފުވުމުން އާސަންދައިން ކަވަރުނުކުރާ ސިއްހީ ޚިދުމަތްތަކުގެ ޚަރަދުތަކާއި، ރޯދަ މަހަށް ކާބޯތަކެތި ގަތުމުގެ އެހީއާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ މީހުންނަށް ލިބިގެންދާނެ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު