އެގްޒޯޓިކް އެންޓަޕްރައިސަސް އިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް، އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސްއެއްގައި ހުއްޓާ ގެއްލުނު މައްސަލައެއްގައި، 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެ ހަފްތާގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން އެ ކުންފުންޏަށް ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިންނެވެ. އެގްޒޯޓިކް އެންޓަޕްރައިސަސްގެ ޣައިރު ހާޒިރުގައި ނެރުނު މި ހުކުމުގައި ބުނެފައިވަނީ، ގެއްލުނު ސިނގިރޭޓަށްވާ ޑިއުޓީގެ ފައިސާ 14 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި، އެގްޒޯޓިކް އެންޓަޕްރައިސަސްގެ ދެ ބޮންޑެޑް ވެއާހައުސް ޗެކްކުރިއިރު ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ސިނގިރޭޓާއި ޕައިޕް ޓޮބޭކޯ ނެރެފައިވާކަން ފާހަގަކުރެވުނެވެ. އެގޮތުން، އެގްޒޯޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސްގައި ހުންނަންޖެހޭ ޔެލޯ ކެމަލް ބްރޭންޑްގެ 165 ކޭސް، އެމެރިކަން ލެގެންޑް ބްރޭންޑްގެ 110 ކޭސް އަދި މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑްގެ 300 ކޭސް (ޖުމްލަ 575 ކޭސް) ސިނގިރޭޓް ގެއްލިފައިވެއެވެ. އަދި އެސްޖީއެމް ބޮންޑެޑް ވެއާހައުސްގައި ހުންނަންޖެހޭ އެމެރިކަން ލެގެންޑް ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި، އަފްޒަލް މޮލަސަސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯވެސް ވަނީ ގެއްލިފައެވެ.
ކަސްޓަމްސް އިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ފާހަގަކުރި ގޮތުގައި، ވައިގެ މަގުން ރާއްޖެ ގެނައި 180 ކޭސް ކެމަލް ޔެލޯ ސިނގިރޭޓާއި، 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓާ ސިނގިރޭޓާއި، 110 ކޭސް އެމެރިކަން ލެޖެންޑް ސިނގިރޭޓް އެގްޒޯޓިކްގެ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓިއެވެ. ނަމަވެސް ރެކޯޑްތަކުން ދައްކާ ގޮތުގައި މި ތަނުން ނެރެފައިވަނީ އެންމެ 15 ކޭސް ކެމަލް ޔެލޯ ސިނގިރޭޓެވެ. ބާކީ ހުރި ހުރިހާ ސިނގިރޭޓު ކޭސްތައް ވަނީ ގެއްލިފައެވެ. މިކަމާ ގުޅިގެން ގެއްލިފައިވާ ސިނގިރޭޓަށް އެގްޒޯޓިކް ކުންފުނިން ޑިއުޓީގެ ގޮތުގައި 47,182,011.86 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ކަނޑައެޅިއެވެ.
ކަސްޓަމްސް އިން ބުނީ، މި ފައިސާ ދެއްކުމަށް އެގްޒޯޓިކް ކުންފުންޏަށް އެންގުމުންވެސް އެ ފައިސާ ދައްކާފައިނުވާތީ، 14 ދުވަހުގެ ތެރޭގައި މި ފައިސާ ދެއްކުމަށް ހުކުމް ކޮށްދިނުމަށް ސިވިލްކޯޓުގައި އެދުނު ކަމަށެވެ. ސިވިލް ކޯޓުން ވަނީ އެގްޒޯޓިކް އެންޓަޕްރައިސަސް ޣައިރު ހާޒިރުގައި ނެރުނު ހުކުމުގައި، ގެއްލުނު ސިނގިރޭޓަށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭކަން ލިޔެކިޔުންތަކުން އެނގޭ ކަމަށް ކަނޑައަޅައި، އެ ފައިސާ އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އެގްޒޯޓިކް އެންޓަޕްރައިސަސްގެ މި ދެ ވެއަރހައުސްގެ ރަޖިސްޓްރީވެސް ވަނީ ބާތިލުކުރެވިފައެވެ. އަދި މުދަލަށް ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މައްސަލަ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވިއެވެ. ނަމަވެސް މި ފައިސާ އަދިވެސް ލިބިފައިނުވާކަން ކަސްޓަމްސްއިން ފާހަގަކުރިއެވެ. މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާހައުސްތަކުގައި ނުބެހެއްޓޭނެ ގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތްތަކުގައި ބޮންޑެޑް ވެއަރހައުސް ނުހެދޭނެ ގޮތަށް ކަސްޓަމްސްގެ އާންމު ގަވާއިދަށް އިސްލާހު ގެނެވިފައިވާ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ހާމަކުރައްވާފައެވެ.





