Thursday, November 5
އައްޑޫ ރިފަރެންޑަމަށްފަހު ރާއްޖޭގައި މީހުންދިރިއުޅޭ ރަށްތަކުގެ ދަފްތަރަށް އަންނަ ބަދަލު

އައްޑޫ ސިޓީގައި މިފަހުން ބޭއްވުނު ރިފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާއި ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ދަފްތަރަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. ޚާއްސަކޮށް ހުޅުދޫ އަދި މީދޫ  ރަށު ކައުންސިލްތައް އަލުން އުފައްދަން ފެންނަކަމަށް ވޯޓުދިނުމުން ، ދައުލަތުގެ ރަސްމީ ލިޔެކިއުންތަކުގައި އަނެއްކާވެސް މީދޫ އަދި ހުޅުދޫ ވަކި ރަށްރަށުގެ ގޮތުގައި ހިމެނިގެންދާނެއެވެ.

މި ބަދަލުތައް އަންނަނީ 2010 ވަނަ އަހަރު އައްޑޫ އަތޮޅުގައި މީހުން ދިރިއުޅޭ ހަ ރަށް އެއްކޮށްލައިގެން ސިޓީއެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށްފަހުގައެވެ. އެގޮތުން، 14 އޮކްޓޯބަރު 2010 ގައި ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 15/2010 ގައި ރާއްޖޭގައި މީހުން ދިރިއުޅޭ 184 ރަށް އޮންނަ ކަމަށް ކަނޑައެޅުއްވިއިރު، 184 ވަނަ ރަށަކީ "އައްޑޫ" ނަމަކަށް ކިޔާ ރަށްކަމަށް ހަމަޖެއްސެވިއެވެ. އަދި މި "އައްޑޫ" ގައި ހިމެނެނީ ކުރިން ވަކި ރަށްރަށުގެ ގޮތުގައި އޮތް ހުޅުދޫ، މީދޫ، ހިތަދޫ، ފޭދޫ، މަރަދޫ، އަދި މަރަދޫފޭދޫ ކަމަށް ކަނޑައެޅުއްވިއެވެ.

މި ގަރާރަށްފަހު، ދައުލަތުގެ ރަސްމީ ލިޔެކިއުންތަކުގައި އައްޑޫގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އޮތީ އެންމެ ރަށެކެވެ. އެއީ އައްޑު އަތޮޅު "އައްޑޫ" ނަމަކަށް ކިޔާ ރަށެވެ. އެހެންނަމަވެސް، 5 ފެބްރުއަރީ 2025 ގައި އަލުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުއްވިއިރު، މީހުން ދިރިއުޅޭ 182 ރަށް އޮންނަ ކަމަށާއި، 182 ވަނަ ރަށަކީ އައްޑު އަތޮޅު "އައްޑޫ" ނަމަކަށް ކިޔާ ރަށްކަމުގައި ކަނޑައެޅުއްވިއެވެ. މި ގަރާރަށް 06 ޖުލައި 2025 ގައި ގެނައި ބަދަލުގައިވެސް މި އަދަދުތައް ބަދަލުނުވެ އެގޮތުގައި ދެމިއޮތެވެ.

ނަމަވެސް، މިފަހުން ބޭއްވުނު ރިފަރެންޑަމް ނަތީޖާއާ ގުޅިގެން ރަށު ކައުންސިލްތައް އަލުން އުފައްދާނަމަ، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކަށް ވާނީ އައްޑު އަތޮޅުގައި މީހުން ދިރިއުޅޭ އިތުރު ދެ ރަށް އޮންނަ ކަމަށް ކަނޑައެޅުއްވުމެވެ. މި ބަދަލާއެކު ދައުލަތުގެ ލިޔެކިއުންތަކުން އަނެއްކާވެސް ސ. މީދޫ އަދި ސ. ހުޅުދޫ ވަކި ރަށްރަށުގެ ގޮތުގައި އުފަންވެގެންދާނެއެވެ. މިއީ އައްޑޫގެ އިދާރީ އޮނިގަނޑަށް އަންނަ ވަރަށް ބޮޑު ބަދަލެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު