ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީ (އައި.ޔޫ.އެމް) ގައި މާސްޓާރސްއަށް ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން ސްކޮލާރޝިޕްގެ ފުރުސަތުތަކެއް މައުމޫން ފައުންޑޭޝަނުން،ހުޅުވާލައިފިއެވެ.
މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޮލާރޝިޕްގައި ޖުމްލަ ތިން ދާއިރާއެއް ހިމެނެއެވެ. އެއީ މާސްޓަރ އޮފް ފިޤްހު، މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، އަދި މާސްޓަރ އޮފް އާރޓްސް އިން ޤުރްރާނިކް ސައިންސަސްއެވެ. މި ތިން ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށް މި ފުރުސަތުގައި ބައިވެރިވުމުގެ މަގު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި ސްކޮލާރޝިޕްގެ ދަށުން ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ ފަރާތުންނެވެ. ނަމަވެސް، ސްކޮލާރޝިޕްގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މައުމޫން ފައުންޑޭޝަންގެ ފަރާތުންނެވެ. މި މަސައްކަތަކީ ދިވެހި ޒުވާނުންނަށް ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް މައުމޫން ފައުންޑޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށް އެފައުންޑޭޝަނުން ހާމަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން މައުމޫން ފައުންޑޭޝަނުން ވަނީ، ދިވެހި ޒުވާނުންނަށް ތަޢުލީމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. ޚާއްސަކޮށް، އެ ޔުނިވާރސިޓީގެ ޗާންސެލަރ ޑރ. މުޙަންމަދު ޒާހިރު ޙުސައިން އާއި ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު އަދި އެންމެހާ ބޭފުޅުންގެ އެއްބާރުލުމަށް ފައުންޑޭޝަނުން ވަނީ ޝުކުރު ދަންނަވާފައެވެ.
މައުމޫން ފައުންޑޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހި ޒުވާނުންނަށް ތަޢުލީމީ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ސްކޮލާރޝިޕްގެ މަޤްޞަދަކީ ދިވެހި ޒުވާނުންނަށް އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް އެހީތެރިވުންކަމަށް އެފައުންޑޭޝަނުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.






