Thursday, November 5
ކައިޒީންގެ ބައްޕައާ ދެކޮޅަށް ހުށަހެޅި މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި

ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އާއި އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅާ ދެމެދު ބޯޓެއްގެ މިލްކުވެރިކަމާ ގުޅިގެން ޖެހިފައިވާ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން  މިއަދު އަންގައިފިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ސިވިލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ކައިޒީންގެ ފަރާތުންނެވެ. ކައިޒީންގެ ދައުވާގައި ބުނެފައި ވަނީ، އޭނާ ހަވާލުކުރި 3.6 މިލިއަން ރުފިޔާ ބޭނުންކޮށްގެން ގަނެދިން ބޯޓު އޭނާގެ ރުހުމެއް ނެތި ބައްޕަ އިބްރާހީމް އަލިފުޅުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. ކައިޒީން އެދެމުން ދިޔައީ ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށްދިނުމުގެ އަމުރަކަށެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދިޔައިރު، ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތެއް ނިންމަންދެން ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ކުރިން ނެރެފައިވެއެވެ. ނަމަވެސް، ކައިޒީން އުފުލި ދައުވާގައިވާ މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވުމާއެކު، އިތުރު އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމިއެވެ. މި ނިންމުމާ ގުޅިގެން ކައިޒީންގެ ފަރާތުން ވަނީ ހައިކޯޓަށް އިސްތިއުނާފު ކޮށްފައެވެ.

އިބްރާހީމް އަލިފުޅުގެ ފަރާތުން ދިފާއުގައި ބުނެފައި ވަނީ، ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނަނީ އޭނާގެ ނަން ކަމަށެވެ. އެހެންކަމުން، އޭނާ ހުރީ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ނޫންކަން އެނގޭ ކަމަށް ފާހަގަކުރިއެވެ. މީގެ އިތުރުން، ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ މެދު އައިސްފައިވާ ހަދީޘަކަށް އިޝާރާތްކޮށް، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުންކޮށްފިނަމަ އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ހާމަވާ ކަމަށް ވެސް އިބްރާހީމް އަލިފުޅުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ބެލުމަށްފަހު، ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، މައްސަލައިގެ އަސްލަށް އަލުން ބަލައި، އެކަށީގެންވާ ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް އަންގާފައެވެ. މި ނިންމުމާއެކު މިލްކުވެރިކަމުގެ މި މައްސަލަ އަލުން ސިވިލް ކޯޓުގައި ކުރިއަށް ދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު