ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ހެދި "ޖެނެރޭޝަން ބޭން" ގާނޫނަށް އަމަލުކުރަން ފަށާ ދުވަސް ފާހަގަކުރުމުގެ ގޮތުން، 24 ގަޑިއިރުގެ ދުވުމެއް ބާއްވަން ނިންމައިފި އެވެ. ހެލްތު މިނިސްޓްރީން މިއަދު ބުނީ، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް ވިއްކުން މަނާކުރާ މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަސް ފާހަގަކުރާ ދުވުން، އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި އެކުވެނި ޓްރެކްގައި ފަށާނެ ކަމަށެވެ.
މި ދުވުން ނިންމާލުމަށް ހަމަޖެހިފައިވަނީ ގާނޫނަށް އަމަލުކުރަން ފަށާ ދުވަސްކަމަށްވާ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށެވެ. މި ޕްރޮގްރާމްގައި ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތް ހިމެނޭނެ އެވެ. މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ދުވުމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގެ ދަށުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން، ކޮންމެ އުމުރެއްގެ މީހަކަށް ވެސް ދުންފަތުގެ ބާވަތް ވިއްކޭނީ އުމުރު ކަށަވަރުކުރުމަށްފަހުގަ އެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލަކީ ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް މަތިކުރުމެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ދަށުން، ވޭޕާއި އީ-ސިނގިރޭޓު ރާއްޖެއަށް އެތެރެކުރުން ވެސް މިދިޔަ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖޭގެ އާއްމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022 ގެ ނަމްބަރުތަކަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވާ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެއް ސަބަބަކީ ދުންފަތާ ގުޅުންހުރި ގައިންގަޔަށް ނާރާ ބައްޔެވެ. ކަސްޓަމްސްގެ މައުލޫމާތުތައް ދައްކާގޮތުން، ރާއްޖެއަށް އަހަރަކު އެވްރެޖުކޮށް 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރުމަށްޓަކައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ. އަދި ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާގޮތުން، ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް ޖީޑީޕީގެ 9.7 ޕަސެންޓް ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަވެ އެވެ.
ހެލްތު މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، އެކަށީގެންވާ ގޮތެއްގައި ދުންފަތުން މީހުން ރައްކާތެރިކޮށް ދުންފަތާ ދުރު ޖީލެއް ބިނާކުރެވިއްޖެނަމަ، ސިއްހަތަށް ސަރުކާރުން މިހާރު ކުރާ ބޮޑު ހޭދަ އެތައް ތަނުން ކުޑަވެ، އާއްމުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ އެވެ. މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭއިން ދައްކާގޮތުން، ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އަދި 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާގޮތުގައި ސްކޫލު އުމުރުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ބާވަތެއް ބޭނުންކުރެ އެވެ. މިފަދަ ގާނޫނުތަކުގެ ސަބަބުން މި ނުރައްކާތެރި އާދަ ނައްތާލުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ބެލެވެއެވެ.






