މާލޭ ދަފްތަރަކީ ސިޔާސީ ވެރިން ވޯޓު ހޯދުމަށްޓަކައި އުފައްދާފައިވާ އެއްޗެއް ކަމަށް ވިދާޅުވެ، އެ ދަފްތަރު ވަގުތުން އުވައިލުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ގޮވާލައްވައިފިއެވެ. ޝާހިދު މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ލިބުނު ގިނަ ބަޔަކަށް ފްލެޓް ލިބުން ލަސްވާ މައްސަލައާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
ޝާހިދު ވިދާޅުވީ، ދަފްތަރުގައި ހިމެނޭ މީހުންނަށް އުފަން ރަށުގެ ނިންމުންތަކުގައި ވޯޓު ނުލެވޭއިރު، މާލެ ސަރަހައްދުން ފްލެޓެއް ވެސް ނުލިބޭ ކަމަށެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު އައްޑޫގައި ބޭއްވި ރިފަރެންޑަމަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވިއެވެ. "މިފަދަ ވޯޓެއް އަންނައިރު އެއްކަލަ ދަފްތަރެއްގައި ތިބޭ މީހުންނަށް، އެ ނިންމުން ނިންމުމަށް ޓަކައި ވޯޓެއް ނުއެއް ލެވޭ. އެކަމަކު ފްލެޓެއް ވެސް ނުލިބޭ، ބޭހެއް ވެސް ނުކުރެވޭ، ބޭރަކަށް ވެސް ނުދެވޭ ދަފްތަރެއް. އެހެންވީމާ ފުރަތަމަ ފެށުމަކީ ވަގުތުން ވަގުތަށް އުވާލަން ޖެހޭ މި ދަފްތަރު،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫގެ ގިނަ ބަޔަކު ވެސް ދަފްތަރުގައި ހިމެނެއެވެ. އެހެންކަމުން، އެ ހުރިހާ ރައްޔިތުން އަނބުރާ އެ ރަށުގެ ރަޖިސްޓަރީ އަށް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން، ދަފްތަރު އުވާލުމާ އެކު، ފްލެޓާއި ގޯތި ދިނުމުގެ ކަންކަން ބޭރު ބަޔަކާ ހަވާލުކުރުމަށް ވެސް ޝާހިދު ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ މިކަން ކުރަން ޖެހެނީ، ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ ޕްރޮސެސް ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ. "އޭރުން މިކަން ހަމައަކަށް އަންނާނީ. މިހާރު މި އޮންނަ ގޮތަކުން މިކަމެއް ހަަމައެއް ނުޖެހޭ. އެއީ ވާ ގޮތަކީ ޕާޓީގެ އޮފީހުން ފްލެޓް ލިސްޓް ތައްޔާރު މިކުރަނީ،" ޝާހިދު ވިދާޅުވިއެވެ. އޭނާގެ ނަޒަރުގައި މިހާރުގެ ނިޒާމުގެ ދަށުން ދެވޭ ފްލެޓްތަކަކީ "ސިޔާސީ ފްލެޓް" ތަކެކެވެ.






